Last Updated: April 24, 18:14
Wednesday, April 24, 2024
ކުޅިވަރު

ފަހު ވަގުތު ބާކްލޭ ޖެހި ލަނޑުން ޗެލްސީ އިން ޔުނައިޓެޑް ހިފަހައްޓައިފި

ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު ޗެލްސީގެ ރޮސް ބާކްލޭ (މ) އުފާ ފާޅުކުރަނީ. --ފޮޓޯ: ފޭސްބުކް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހުވަގުތު ރޮސް ބާކްލޭ ޖެހި ލަނޑުން ޗެލްސީ އިން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ 2-2 އިން އެއްވަރުކޮށްފިއެވެ.

މިނަތީޖާއާ އެކު ޗެލްސީ އިން 21 ޕޮއިންޓް ހަމަކޮށް ވަގުތީގޮތުން ތާވަލްގެ އެއްވަނައަށް އެރި ނަމަވެސް މިރޭ ބާންލޭ އަތުން މެންޗެސްޓަރ ސިޓީ ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެޓީމަށް އަލުން އެއްވަނަ ލިބޭނެއެވެ. މިމެޗުން ހޯދީ ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 14 ޕޮއިންޓާއެކު 8 ވަނައިގައެވެ.

ލަންޑަންގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ވިލިއަން ތަނަވަސްކުރި ފުރުޞަތަކުން އެންޓޯނިއޯ ރުޑިގާ ކާމިޔާބުކުރި ގޯލާއެކު، ޗެލްސީ އިން މިހާފު ނިންމާލީ 1-0 ގެ ނަތީޖާއަކުން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ފުލުފުލުގައި ޗެލްސީގެ އަލްވާރޯ މޮރާޓާ އާއި އެޑެން ހަޒާޑް ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.

ޗެލްސީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުވުމުގެ ނަތީޖާއެއްގެގޮތުން، މެޗުގެ 55 ވަނަ މިނެޓުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެންތަނީ މާޝިއަލް އެވެ.

އޭގެފަހުން، ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ މަތަކުރިއެވެ.

މިމެޗުގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ވެސް މާޝިއަލް އެވެ. މިއީ މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ އެންމެ ފަހުން ކުޅުނު ދެމެޗުގައި ކާމިޔާބުކުރި ތިންވަނަ ގޯލެވެ.

އޭގެފަހުން، ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް އެންޑާ ހެރޭރާ އަށް ލިބުނު ފުރުޞަތުގައި ރޮމެލޫ ލުކާކޫ ބޮލުން ޖައްސާލި ޕާހަކުން އޭނާ ފޮނުވާލި ބޯޅަ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ މަތަކުރިއެވެ.

ޔުނައިޓެޑުން މޮޅުވާން ދަނިކޮށް ޗެލްސީ އަށް ޕޮއިންޓެއް ހޯދައިދިނީ މެޗުގެ އިތުރުވަގުތުގެ ހަވަނަ މިނެޓުގައި ބާކްލޭ ވައްދާލި ލަނޑުންނެވެ. މިއީ އެޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޑޭވިޑް ލުއިޒް ފޮނުވާލުމުން ގޯލްގެ ދަނޑީގައިޖެހިފައި ނިކުތް ވަގުތު ރުޑިގާ ފޮނުވާލުމުން ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ މަތަކުރުމުން ޕެނަލްޓީއޭރިޔާ ތެރޭގައި ހުހަށްހުރި ބާކްލޭ އަށް އެބޯޅަ ލިބުމުން އޭނާ ގޯލްގެ ތެރެއަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.