Last Updated: April 20, 18:15
Saturday, April 20, 2024
ކުޅިވަރު

ލެވާންޓޭ އަތުން ވަރުގަދަ ރެއާލް ބަލިވެއްޖެ

ރެއާލް ކޮޅަށް ލަނޑުޖެހުމަށްފަހު ލެވާންޓޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ލެވާންޓޭ އަތުން ވަރުގަދަ ރެއާލް މެޑްރިޑް 2-1 އިން ބަލިވެއްޖެއެވެ.

މި ނަތީޖާއާ އެކު ރެއާލް މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓީގްގެ މުސްތަގުބަލާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. ސްޕެނިޝް ލީގުގައި ލެވާންޓޭ އާއި ސެވިއްޔާ އަދި އަލަވެސް އަތުން ބަލިވެ އެތުލެޓިކޯ މެޑްރިޑާ އެއްވަރުވިއިރު ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.

މި މޮޅާ އެކު ލެވާންޓޭ ވަނީ ރެއާލްއާ އެއްޕޮއިންޓަށް ކައިރިކޮށް، 13 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނަ އަށް ޖެހިލައިފައެވެ. މިމެޗުން ބަލިވި ރެއާލް އޮތީ 14 ޕޮއިންޓާއެކު ފަސްވަނައިގައެވެ. މިވަގުތު އެއްވަނައިގައި އޮތް ޑިޕޯޓިވޯ އަލަވެސް އަށް 17 ޕޮއިންޓް ލިބިފައިވާއިރު ސެވިއްޔާ އޮތީ 16 ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތީ 15 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ.

ރެއާލުން މިމެޗަށް ނިކުތްއިރު އެޓީމުގެ ކަރީމް ބެންޒެމާ އާއި ގަރެތު ބޭލް އަދި ޓޯނީ ކްރޫޒްގެ ބަދަލުގައި އިސްކޯ އާއި މަރިއާނޯ ޑިއާޒް އަދި ލޫކަސް ވަޒްކޭޒް އަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑް ނެގީ ލެވާންޓޭއިންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ހޯސޭ މޮރާލެސް އެވެ. މިއީ އެޓީމުގެ ސާޖިއޯ ޕޮސްޓީގޯ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަ މިނެޓުފަހުން، ލެވާންޓޭ އަށް ލިބުނު ޕެނަލްޓީއަކުން ލީޑް ފުޅާކޮށްދިނީ ރޮޖާ މާޓީ އެވެ. މިއީ ރެއާލްގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން އެޓީމުގެ ޕެނަލްޓީއޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ރެއާލްގެ ކަސެމީރޯ އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެޓީމުގެ އިސްކޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑީގައިޖެހިފައެވެ.

ރެއާލްގެ މާކޯ އަސެންސިއޯ (ކ) އަތުން ބޯޅަ ހޯދަން ލެވާންޓޭގެ އެރިކް ކަބާކޯ (ވ) މަސައްކަތްކުރަނީ. –ފޮޓޯ: ލަލީގާ

އޭގެ މިނެޓެއްފަހުން، ރެއާލްގެ މާކޯ އަސެންސިއޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

އޭގެފަހުން، ރެއާލްގެ ލޫކަސް ވަޒްކޭޒް އާއި ސާޖިއޯ ރާމޯސްގެ އިތުރުން ކަސެމީރޯ ފޮނުވާލި ހަމަލާތައް ލެވާންޓޭގެ ގޯލްކީޕަރު އޮއިއާ އޮލަޒަބާލް މަތަކުރިއިރު މަރިއާނޯ ޑިއާޒް ފޮނުވާލި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައިވެއެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން ލެވާންޓޭ ކުރީގައިއޮވެގެންނެވެ.

ރެއާލުން ދެވަނަ ހާފަށް ނިކުތީ އަލްވާރޯ އޮޑްރިއޮޒޯލާގެ ބަދަލުގައި ގަރެތު ބޭލް ޓީމުގައި ހިމަނަައިގެންނެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ބްރެޒިލްގެ ފުލްބެކް މާސެލޯ ޖަހައިދިނީ މިހާފުގައި އިސްކޯގެ ބަދަލުގައި ކުޅެން ނިކުތް ކަރީމް ބެންޒެމާ ތަނަވަސްކުރި ފުރުޞަތަކުންނެވެ.

އޭގެފަހުން، ރެއާލަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުތަކުގައި އެޓީމުގެ ބެންޒެމާ އާއި މަރިއާނޯ އަދި ލޫކާ މޮޑްރިޗް ފޮނުވާލީ ހަމަލާތަކުގެ ހުރަހަކަށްވީ ވެސް މުޅި މެޗުގައި މޮޅުކުޅުމެއް ދެއްކި ލެވާންޓޭގެ ކީޕަރު އޮލަޒަބާލް އެވެ.

މިމުބާރާތުގައި މިރޭ ކުޅެވޭ އެންމެ ފާހަގަކޮށްލެވޭ މެޗުގައި މާލޭގަޑިން 23:45 ގައި ބައްދަލުކުރާނީ ސެވިއްޔާ އާ ބާސެލޯނާ އެވެ.