ދިވެހި ދައުލަތުގެ ޚަޒާނާ ލޫޓުވާލި އެންމެހާ ފަރާތްތަކުގެ މައްސަލަތައް ކުރިއަށް އޮތް ތަނުގައި ބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިލްހާމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
dhaulathuge khazaana lootuvaali emmenge massalathah beleyne. mudhaathah hoadhi goiy bunedheyn majubooru https://t.co/pg9lMtKzur meeheh namuga huttas kan othee mihen.majlis ah javaabudhaaree vaan jeheyne. siyaasee nivalakun dheveyne faruva eh no onnane.hama no choice. insha’allah
— Ilham Ahmed (@ilhammaldives) October 20, 2018
"މުދާތަށް ހޯދި ގޮތް ބުނެދޭން މަޖުބޫރުވާނެ. ފެމިލީ މީހެއްގެ ނަމުގަ ހުއްޓަސް ކަން އޮތީ މިހެން"، އެ ޓްވީޓްގައި އިލްހާމް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް މި ޓްވީޓްގައި އިލްހާމް ވަކި ފަރާތެއްގެ ނަން ހިމަނުއްވާފައެއް ނުވެއެވެ.
އިލްހާމް އިތުރަށް ވިދާޅުވީ އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި، ސިޔާސީ ނިވަލަކުން ދެވޭނެ ފަރުވާއެއް ނޯންނާނެ ކަމަށެވެ.
"ހަމަ ނޯ ޗޮއިސް. إن شاء الله"، އިލްހާމް ވިދާޅުވި އެވެ.
އިލްހާމް މިހެން ވިދާޅުވިއިރު، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދެކަނބަލުން، ކޮންމެ ބޭފުޅަކަށް 4.5 މިލިއަން ރުފިޔާގެ އަގު ހުރި ފްލެޓެއް ބައްލަވައިގެން މައްސަލައެއް ވަނީ މީގެ ކުރިން ފެންމަތިވެފަ އެވެ.
އެގޮތުން އަދުރޭގެ ދެކަނބަލުން ބައްލަވައިގެންފައި ވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތްކުރި "ރެހެންދި-6" ގެ 2 ފްލެޓެކެވެ.
އަދުރޭގެ ދެ ބޭފުޅުންގެ ނަމުގައި ފްލެޓްތައް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ސިޓީތައް ސޯޝަލް މީޑިޔާގައި ވަނީ އާއްމުކޮށްފައެވެ. އެ ސިޓީ ތަކުން އެނގޭ ގޮތުގައި އެ ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ވަނީ ނިންމާފައެވެ.
އެހާ އަގު ބޮޑު ފެ ފްލެޓް ގަނެ، އެއަށް އެއްފަހަރާ ފައިސާ ދެއްކުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅޭގޮތުން އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އޭނާ ފްލެޓު ގަތް ގޮތް ހާމަކުރަން ނުޖެހޭ ކަމަށެވެ.
އެހެންނަމަވެސް އަދުރޭ އެ ފްލެޓްތައް ބައްލަވައިގަތް މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބަލަން ފަށައިފަ އެވެ.
މީގެ އިތުރުން ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ދަރިފުޅު، މުހައްމަދު އަލާން އަހުމަދުގެ ނަމުގައި ޕްލެޓިނަމް ފްލެޓެއް 4.7 މިލިއަން ރުފިޔާއަށް ގަތްކަން ވެސް ވަނީ މި އަހަރުގެ ކުރީކޮޅު ހާމަވެފަ އެވެ.
އެންމެ އަގުބޮޑު ފްލެޓެއް ނިހާންގެ ދޮށީ ދަރިކަލުންނަށް ބައްލަވައި ގޮތް ގޮތާ މެދު މީޑިޔާތަކުން ސުވާލުކުރުމުން ނިހާން ވިދާޅުވެފައިވަނީ އޭނާ ވަނީ ގިނަ ދުވަސް ވަންދެން މަޖިލީހުގެ މެމްބަރުކަން ކުރައްވާފައި ކަމަށެވެ. އޭގެ ސަބަބުން ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށާއި އަދި އޭގެ އިތުރުން ދެ ލޯނެއްވެސް ނަގާފައިވާ ކަމަށެވެ.