Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދިރާގު ރޯޑް ރޭހުގެ ބައިވެރިންނަށް ބިބް ދޫކުރަން ފަށައިފި

ދިރާގުން މިއަދު ފެށި ބިބް އެކްސްޕޯގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ދިރާގު)

ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ ބައިވެރިންނަށް ބިބާއި ޓީޝާޓު ހަވާލުކުރަން މިއަދު ފަށައިފިއެވެ.

އެގޮތުން ދިރާގުން މިއަދު ފެށި ބިބް އެކްސްޕޯ މާދަމާރޭގެ 22:00 އާއި ހަމައަށް ކުރިއަށްދާނެ އެވެ. އެކްސްޕޯ ކުރިއަށްދާނީ ހެނދުނު 10:00 އިން 12:00 އަދި މެންދުރު ފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ދިރާގު ހެޑް އޮފީހުގައެވެ.

އެކްސްޕޯ ނިންމާލުމުގެ ކުރިން މިއަހަރުގެ ރޯޑު ރޭހުގައި ބައިވެރިވި ފަރާތްތަކުން ބިބާއި ޓީޝާޓު ނެންގެވުމަށް ދިރާގުން އެދެއެވެ.

ރޯޑް ރޭހުގެ ބައިވެރިންނަށް ދޭ ކިޓުގައި އިލެކްޓްރޯނިކް ޓައިމިންގ ޗިޕް ހަރުކޮށްފައިވާ ބިބްގެ އިތުރުން ޓީޝާޓާއި ސްޓްރިންގ ދަބަހެއް ވެސް ހިމެނެއެވެ. އަދި އެޓީޝާޓް ދޫކުރަން ހަމަޖެހިފައިވަނީ މަދުވެގެން 100 ރުފިޔާގެ ގެ ޑޯނޭޝަނެއް ދިނުމުން ކަމަށާއި، އޭގެން ލިބޭ ހުރިހާ ޑޮނޭޝަނެއް ދޭން ހަމަޖެހިފައިވަނީ އެންޖީއޯތަކަށް ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު ރޯޑް ރޭސް 2018 ގައި 4،000 ދުވުންތެރިން ބައިވެރިވާއިރު، މި ދުވުމުގައި އެއްވެސް ވަރަކަށް އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުން ނުކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ދުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އަދި ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހު ހަވީރު 16:16 ހައި ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. ދިރާގުން ބުނީ ރޭހުގައި ބައިވެރިވާ ދުވުންތެރިން 15:30 އަށް ހުޅުމާލެ ސެންޓްރަލް ޕާކަށް ހާޟިރުވާންޖެހޭނެ ކަމަށެވެ.