Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އިންޑިއާގައި ރޭލެއްގެ ދަށުވެ 60 މީހުން މަރުވެއްޖެ

ރޭލު ދަގަނޑު މަތީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނިވާކޮށްފައި - ފޮޓޯ: ޓައިމްސް ނައު

އިންޑިއާގެ އުތުރު ޕަންޖާބް ސްޓޭޓްގެ އަމްރިތުސަރްގައި ދުއްވާފައި ދިޔަ ރޭލެއްގެ ދަށުވެ 60 އަށްވުރެ ގިނަ މީހުން މަރުވެ، އިތުރު 100 މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ހިންދޫ ފެސްޓިވަލެއް ކަމަށްވާ "ދަސޭރާ" ފާހަގަކުރަމުން ދަނިކޮށެވެ. އެމީހުން އުފާ ފާޅުކުރަމުން ދިޔައީ ރޭލު ދަގަނޑެއް އޮންނަ ސަރަޙައްދެއްގަ އެވެ. އަދި އެތާ ތިބި މީހުން ގިނަކަމުން، ބައެއް މީހުން ތިބީ ރޭލު ދަގަނޑު މަތީގައެވެ.

މި ހާދިސާ ހިނގާފައި ވަނީ އެމީހުން ރޭލު ދަގަނޑު މަތީގައި ތިއްބާ ދުއްވާފައި އައި ރޭލެއްގެ ދަށުވެގެންނެވެ. އެ ވަގުތަކީ އެތަނުގައި ހަވާ އަރުވަމުންދިޔަ ވަގުތަކަށް ވުމުން، ރޭލުގެ އަޑު ރޭލު ދަގަނޑު މަތީ ތިބި މީހުންނަށް ނީވުނީ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މަންޒަރު ދުށް މީހަކު "ބީބީސީ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ރޭލު ދިޔައީ އެންމެން ފުނޑުފުނޑު ކޮށްލުމަށްފަހު ކަމަށެވެ.

ޕަންޖާބްގެ ޗީފް މިނިސްޓަރު އަމަރިންދަރް ސިންގް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެ ހާދިސާގައި އަނިޔާވި މީހުންނަށް ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު ހުރިހާ ފަރާތްތަކަށް ވެސް މުޅިން ހިލޭ ބޭސްފަރުވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޕަންޖާބްގެ ހުރިހާ އޮފީސްތަކާއި ސްކޫލްތައް މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމުގެ ބިރު އެބައޮތެވެ.