Last Updated: May 19, 11:59
Sunday, May 19, 2024
ކޮލަމް

ފުލުހުންގެ އަނިޔާ ވެރިކަން އިންތިހާއަށް!

މިއަހަރު ޖެނުއަރީ 17 ވަނަ ދުވަހު ފުލުހުން ފެށި "އަފިރިންގެ އަމާން އައްޑޫ ސިޓީ" އަކީ ވަރަށް ގިނަ ބަޔަކު ބަލައިގަތް ހިދްމަތެކެވެ. އާއްމުން ކުރިން ތިބި ބިރުވެރިކަމުން ސަލާމަތްވީ މި ހާއްސަ އޮޕަރޭޝަނާއި ގުޅިގެންނެވެ.

މާލެއިން އައްޑުއަށް އައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ބޮޑެތި "ހާލިތައް" ވަނީ މުލުން ލުހެލާފައެވެ. ބަނގުރާ ކައްކަމުން ދިޔަ އެތައް ތަނެއް ވަނީ އެއްކޮށް ނައްތާލާފައެވެ. އަދި އެއާއި އެކު މަސްތުވާތަކެތީގެ ވިޔަފާރީގެ އިސް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ނަތީޖާއަކަށް ވީ އައްޑޫގެ ކުށުގެ މާހައުލު ސާފުވެގެން ދިއުމެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އަބަދުވެސް އިވެމުން ދިޔަ އެއް އަޑަކީ ފުލުހުން މީހުންނަށް އަނިޔާ ކުރާ ވާހަކައެވެ. ހުތުރު ބަހުން ވާހަކަ ދައްކައި މީހުންގެ މުދަލަށް ގެއްލުން ދީ އާއްުމުންގެ ގެތަކަށް ހުރުމަތްކެޑޭ ގޮތަށް ވަންނަ ވާހަކައެވެ. އެކަމަކު އެކަން ދިފާއުކޮށް ފުލުހުން ދިޔައީ ފުލު ފުލުގައި ބަޔާން ނެރެމުންނެވެ.

ކުށުގެ މާހައުލު އޮތް ގޮތުން ބައެއް ފަހަރު ފުލުހުން ހައްޔަރު ކުރަން ދާ މީހުނާއި ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރަު ދެބައި މީހުނަށް އަނިޔާވެ ފަރުވާ ހޯދާފައިވެސް އެބަހުއްޓެވެ.

އޮޕަރޭޝަންގެ ބޮޑު ބައި ނިމިފައިވާ އިރު ގިނަ އެސްއޯ ފުލުހުން ވަނީ އައްޑޫން ފުރާފައެވެ. އަދި އެއާއި އެކު އޮޕަރޭޝަން ހިންގަމުން އައި ގޮތަށް ވެސް ވަނީ ބަދަލު އައިސްފައެވެ.

އެސްއޯ ޓީމުގެ ގިނަ މީހުން ފުރިފަހުން މިހާރު މީހުނަށް އަނިޔާ ކުރާކަމުގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެކަމާއި ހެދި އެސްއޯ ފުލުހުން އައްޑޫން ބޭރުކުރަން ކައުންސިލުން ވަނީ ވާހަކަވެސް ދައްކާފައެވެ.

މިއަދަކީ އެކަމުގައި ހާއްސަ ދުވަހެކެވެ. މަރަދޫގެ ޒުވާނުންތަކެއް ހައްޔަރުކުރަން ގޮސް އެމީހުން ތަޅައި އަނިޔާ ކުރީ އާއްމުންނާއި ކުޑަކުދީން ކުރިމަތީގައެވެ. ނުވިތާކަށް ޕެޕަރ ސްޕްރޭ ޖަހައި ހަޑި ހުތުރު ބަހުން އާއްމުންނާއި މުއާމަލާތްކުރީއެވެ. މިއަދު ފެނުނު ފުލުހުންގެ އަމަލުތައް ހުރީ ވަރަށް ދަށް ފެންވަރުގައެވެ.

ފުލުހުން މިއަދު މަރަދޫގައި މީހުނަށް އަނިޔާ ކުރީ ވަރަށް ޖަޒުބާތުގައި ތިބެއެވެ. އެކަމާއި ދެކޮޅަށް ވާހަކަ ދެއްކި މީހުންވީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުންނަށެވެ. އާއްމު އެތައް ބައެއްގެ ކުރިމަތީގައި އަނިޔާ ކުރުމަށް ފަހު ދެން ނެރުނީ މުޅިން ހަގީގަތާއި ހިލާފް ބަޔާނެކެވެ.

ފުލުހުން ކުށްވެރިން ހައްޔަރު ކުރަންވީއެވެ. އެކަމަކު މިހާރު ފުލުހުންގެ އަމަލް ތައް ހުރީ ދިވެހި ސަރުކާރުން ހަރަދުކޮށްގެން ގެންގުޅެންޖެހޭ ލެވެލް އަށް ވުރެ ދަށުގައިއެވެ. އެމީހުންގެ ކުރިމަތީގައި އާއްމު ރައްޔިތުންނަކީ އެއްވެސް ބައެއް ނޫންހެން މިއަދު ހީވިއެވެ.
މިކަމުގެ ޝަކުވާ އަޑޫއަހާނެ މީހަކު ނެތެވެ. މިމީހުންގެ ކަންކަން ބަލާ ބަޔަކު ތިބިހެނެއް ހީއެއް ނުވެއެވެ. "އަމާން" ސިޓީއަކަށް ހަދަން އައި މީހުން މިތަން ބޮޑު ބިރުވެރި ނާމާންތަނަކަށް ހަދައި ނިންމައިފިއެވެ. އެެހެންވެ މިވާހަކަ "ޓްވީޓް" ކޮށްލީމެވެ.