Last Updated: April 18, 22:36
Friday, April 19, 2024
ރިޕޯޓް

ނޫސްވެރިޔަކު މަރާލުމުން ވެސް ސައުދީއާ ދެކޮޅަށް ބަހެއް ބުނަން ނުކެރިފައި!

ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިޔާ، ޖަމާލް ޚާޝޯގީ: ފޮޓޯ - އޭޕީ

މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ އެ ކޮންސިއުލޭޓު ތެރޭ މަރާލެވިފައިވާ ކަމަށް ސައުދީން އެއްބަސްވުމުން ވެސް މުސްލިމް ގައުމުތަކުން އެކަމާ ދެކޮޅަށް ބަހެއް ނުބުނާތީ ނުރުހުން އަމާޒުވާން ފަށައިފިއެވެ.

ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް ސައުދީ ކޮންސިއުލޭޓުން ނެރުނު ބަޔާނެއްގައި، ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ކޮންސިއުލޭޓު ތެރެއަށް ވަނުމަށް ފަހު ހިނގި ހަމަނުޖެހުމެއްގައި މަރުވެފައިވާ ކަން އިއުލާންކުރުމަށް ފަހު 18 މީހަކު ހައްޔަރުކޮށް އިސް ދެ މީހުން މަގާމުން ދުރުކުރި ކަން އިއުލާންކުރިއެވެ.

އޭގެ ފަހުން އަރަބި ބައެއް ގައުމުތަކުން ބަޔާން ނެރެފައިވާއިރު ސައުދީއާ އެންމެ ގާތް ދެގައުމު ކަމަށްވާ ޔޫއޭއީ އަދި މިސްރުން ވަނީ ސައުދީން ނެގި "ހިތްވަރުގަދަ" ފިޔަވަޅަށް ތައުރީފް ކޮށްފައެވެ. މިސްރާއި ޔޫއޭއީ އިން ހިތްވަރުގަދަ ކަމަށް ދެކިފައިވާ ފިޔަވަޅަކީ ޖަމާލް ޚަޝޯގީއާ ސައުދީ އޮފިޝަލުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ މަރުވެފައިވާ ކަމާއި އެކަމާ ގުޅިގެން 18 މީހުން ހައްޔަރުކުރި ކަމަށް އިއުލާން ކުރުމެވެ. ނަމަވެސް ސައުދީން ވަނީ ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވަންދެން ނޫސްވެރިޔާ ކޮންސިއުލޭޓު ތެރޭ މަރާލާފައިވާކަން ދޮގުކޮށްފައެވެ. އަދި ޚާޝޯގީ ކޮންސިއުލޭޓު ދޫކޮށް ނިކުމެފައިވާ ކަމަށް ބުނެ ދޮގު ބަޔާން، ތުރުކީ ފުލުހުންނަށް ދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ސައުދީ ސިޔާސަތުތަކާއި ވަލީއުލްއަމްރު، މުހައްމަދު ބިން ސަލްމާނަށް ފާޅުގައި ފާޑުކިޔަމުން އައި ޖަމާލް ޚަޝޯގީ ވަނީ ސައުދީ އަރަބިއްޔާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އޭނާ މަރާލާފައިވަނީ ކުރީގެ އަންހެނުންގެ ވަރީގެ ސެޓްފިކެޓު ހޯދުމަށް ކޮންސިއުލޭޓު ތެރެއަށް ވަނުމުންނެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޖަމާލް ޚާޝޯގީ ކޮންސިއުލޭޓަށް ވަނުމުން އޭނާ ވަނީ ހިފަހައްޓައި މަރާލާފައެވެ. އަދި 15 މީހުންގެ އަސްކަރީ ގްރޫޕެއް ކޮންސިއުލޭޓު ތެރެއަށް ވަދެ ގަޑިއިރުތަކެއް ފަހުން ނިކުމެ އެގައުމުން ފުރައިގެން ގޮސްފައިވާއިރު އެމީހުންގެ ތެރެއިން 4 މީހަކީ އަމީރު މުހައްމަދުގެ އަރިސް މީހުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޖަމާލް ޚަޝޯގީ މަރުވެފައިވާ ކަން އިއުލާން ކޮށްފައިވަނީ ސަލްމާން ރަސްގެފާނު އެކަން ތަހުގީގު ކުރަން އެންގުމަށް ފަހުގައެވެ. އަމީރު މުހައްމަދުގެ އަރިސް ބޭފުޅުން ވަނީ ރަސްގެފާނަށް ޚަބަރު ނުލިބޭނެ ބީދާއިން މަސައްކަތް ކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.

މިމައްސަލައިގެ ސަބަބުން ޔޫރަޕުގެ ގައުމުތަކުން ސައުދީއާ ދެމެދު އޮތް ގުޅުން ކަނޑާލަން ނިންމާފައިވާއިރު ބައެއް ބޮޑެތި ގައުމުތަކުން ވަނީ ސައުދީ ސަމިޓުވެސް ބޮއިކޮޓު ކޮށްފައެވެ.