Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މިއަދަކީ ދިވެހިން މިނިވަންވާނެ ދުވަސް: ރިޔާޒު

މިއަދަކީ ދިވެހިންނަށް މިނިވަން ކަމުގެ ރަހަ އިހުސާސު ކުރެވޭނެ ދުވަސް ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިންތިޚާބުން ބަލިވުމާއެކު އެމަނިކުފާނުގެ ފިކުރާއި ދުރަށް ޖެހިފައިވާ ރިޔާޒު އާންމުކޮށް ދައްކަވާ ވާހަކަ ތަކުގެ ސަބަބުން އޭނާ ޕީޕީއެމް ޕީޖީ އިން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

މިއަދު ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށައެޅި މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފައިވަނިކޮށް ރިޔާޒު ވަނީ އަނެއްކާވެސް އެފަދަ ވާހަކައެއް ދައްކަވާފައެވެ.

ޓުވީޓަކުން ރިޔާޒު ފޮނުވި މެސެޖުގައި ބުނެފައިވަނީ ﷲ ގެ ރަހުމަތުން މިއަދަކީ ދިވެހިންނަށް އަމާން ރައްކާތެރި ދުވަހަކަށް ވާނެ ކަމަށާއި، ދިވެހިންނަށް މިނިވަން ކަމުގެ އިހުސާސް ކުރެވެން ފަށާނެ ކަމަށެވެ.

ރައީސް ޔާމީން އިންތިޚާބުން ބަލިވީ ޕީޕީއެމް ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ނާގާބިލު ކަމުން ކަމަށް ބުނެ ރިޔާޒް ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވެ ލީޑަޝިޕަށް ފާޑުކިޔާފައެވެ. އަދި އިދިކޮޅު މެމްބަރުންނާ ބައްދަލުކޮށް ފޮޓޯ ނަގައި ސޯޝަލް މީޑިޔާގައި އާންމުވެސް ވަނީ ވެފައެވެ.