ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ފަރާތުން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވަން މިއަދަށް ތާވަލުކޮށްފައިވާއިރު، އިންތިޚާބާ ގުޅޭ ގޮތުން ގަބޫލުނުކުރެވޭ ވަރުގެ ގޯސް ހުކުމެއް އިއްވައިފިނަމަ މަގުތަކަށް ނިކުންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިޔާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން އަންނަނީ ހުކުމް އިއްވަން ތައްޔާރުވަމުން ކަމަށެވެ. އަދި ކޯޓުން އިއްވާނެ ހުކުމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ގަބޫލުނުކުރެވޭ ވަރުގެ ގޯސް ހުކުމެއް އިއްވައިފިނަމަ މަގުތަކަށް ނިކުތުން ނޫން ގޮތެއް ދިވެހިންނަށް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަގުތަކަށް ނިކުތުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ނަމަވެސް ރައްޔިތުންގެ ނިންމުން ދިފާއު ކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކޮށްފައިވާއިރު މިހާރު ކުރިއަށްދަނީ ބާރުތައް ބަދަލުކުރުމުގެ މަރުހަލާ ކަމަށްވާއިރު ރައީސް ނަޝީދު ވިދާޅުވީ މިމަރުހަލާ އަމާންކޮށް ކުރިއަށް ގޮސްދާނެ ކަމަށް ބެލުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
ސަބަބަކީ މިހާރުވެސް ރައީސް ޔާމީން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް އިންތިޚާބު ބާތިލު ކުރަން މައްސަލަ ހުށައަޅާފައި ކަމަށާއި އެހެންކަމުން އެއްވެސް ހާލަތެއްގައި މިކަމަކީ އަމާންކޮށް ކުރިއަށްދާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޓްރާންސިޝަން ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދެވެ. ޝާހިދު ވިދާޅުވީ މިހާތަނަށް ހައުސިން މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީން ޓްރާންސިޝަނަށް އެއްބާރުލުން ދިނުން ކުޑަ ކަމަށެވެ. ނަމަވެސް އެހެން މިނިސްޓްރީތަކާއި އިދާރާތަކުން އެއްބާރުލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.