ދިވެހި ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަން ދެމި އޮންނާނީވެސް ރައްޔިތުންގެ އަތްމަތީގަ.
23 ސެޕްޓެމްބަރުގަ ރައްޔިތުން ނިންމައިފި.
ﷲ އިރާދަފުޅާއެކު ސުޕްރީމް ކޯޓުން އެނިންމުން މިއަދު ދަމަހައްޓާނެ ކަމާމެދު ޝައްކެއް ނުުރަން. pic.twitter.com/fG8A1L9JGN
— Ahmed Mahloof (@AhmedMahloof) October 21, 2018
އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ވެރިކަން ފެށިގެން އަންނަނީވެސް، އަދި ވެރިކަން އޮންނާނީވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.
"23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމައިފި"، މަހުލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އަދި އިރާދަފުޅުކުރެއްވިއްޔާ ރައްޔިތުންގެ އެ ނިންމުން ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް މިހެން ވިދާޅުވިއިރު، މިއަދަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވަން ހަމަޖެހިފައިވާ ދުވަހެވެ.
އެ މައްސަލައިގެ ހުކުމް ކުރުން މިއަދު މެންދުރު 13:00 އަށް ތާވަލްކޮށްފައި ވާއިރު، ކޯޓު އަޑުއެހުމަށް ވަނުމަށް ސުޕްރީމް ކޯޓު ބޭރުގައި ދިގު ކިއޫއެއް ވަނީ ހަދާލާފައެވެ.
ކޯޓު ސަރަހައްދުގައި ކިއޫގައި ގިނަ ބަޔަކު ތިބިއިރު ނަންބަރު ނަން ނޯޓު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން 12:30އަށެވެ. ސުޕްރީމް ކޯޓުގެ ޖާގަ ހުރިގޮތުން އަޑުއަހަން ފުރުސަތު ދެވެނީ 30 ވަރަކަށް މީހުންނަށެވެ.
ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ހުށަހެޅި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތުގައި މައްސަލަ ހުށަހެޅުއްވި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ސިއްރު ހެކިން ބަލައި ނުގަތުމަށް ކޯޓުން ނިންމައި ޝަރީއަތް ނިންމާލީ ދެން ބާއްވާނީ ހުކުމް ކުރުމުގެ އަޑުއެހުންކަމަށް ނިންމައެވެ.