Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް މާދަމާ ފަށަނީ

ހައި ކޯޓު -

ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް މާދަމާ ފަށާނެ ކަމަށް ހައި ކޯޓުން ބުނެފިއެވެ.

ހައި ކޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ފުރިހަމަ ކުރުމަށް ފަހު، ޝަރީޢަތްތައް ފެށުމަށް ނިންމީ، 14 އޮގަސްޓް 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ފާސްކުރައްވާފައިވާ ޤަރާރުގައިވާ ގޮތުގެ މަތީންނެވެ.

އަދި ހައިކޯޓުގެ އުތުރުގޮފީގެ ޝަރީޢަތްތައް ފެށުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިހާރު ކުޅުދުއްފުށްޓަށް ވަޑައިގެންފައިވާ ކަމަށާއި، އެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ކަމަށްވެސް ވެބްސައިޓްގައި ބުނެފައި ވެއެވެ.

ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ.

އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށްވެސް ހައި ކޯޓުން ފާހަގަކުރެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބުލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިރުޝާދާއި އެކު، ދެކުނު ގޮފީގެ މަސައްކަތްވެސް އަލުން ފަށާ، ޝަރުޢީ ދެ ވަފުދަކުން ދެ ދުވަސްވަރެއްގައި ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ މައްސަލަތައް ވަނީ ނިންމަވާފައެވެ.