Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އިންތިޚާބު ބާތިލްކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ޙުކުމްކޮށްފައި ވަނީ ދާދި ދެންމެއަކު، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އިންތިޚާބު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ، އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ޖޭޕީގެ ލީޑަރ ޤާސިމް އިބްރަހިމްގެ މަސްލަޙަތު އޮންނަ އެމް7 އަށް ވޯޓު ކަރުދާސްތައް ޕްރިންޓް ކުރަން ދިން މައްސަލައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައި ވަނީ ގާސިމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމަކީ ވޯޓު އޮޅުވާލަން ފުރުސަތު ދިން ކަމުގެ ދަލާލަތެއް ނޫން ކަމަށާއި، އެމް7 އިން ވޯޓު ކަރުދާހުގައި މަކަރު ހެދި ކަމާއި ނާޖައިޒު ފައިދާ ނެގިކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއް އަދި ގަރީނާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓު ކަރުދާސްތައް ބަހައްޓާފައިހުރީ ސެކިއުރިޓީ ވަރުގަދަ ތަނެއްގައި ނޫން ކަމަށްވެސް އެ މައްސަލައިގައި ތުހުމަތުކޮށްފައި ވެއެވެ. އެކަމާއި ބެހޭގޮތުން ޙުކުމްގައި ބުނެފައި ވަނީ އީސީ އިން ވަނީ ކަރުދާސްތައް ބަހައްޓާފައި ހުރި ކޮޓަރީގެ ސަލާމަތީ ގޮތުން ވަރުގަދަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަޔާންކޮށްފައި ކަމަށާއި، އެ ކޮޓަރީގެ ސެކިއުރިޓީ ދަށް ކަމާއި އެތަނުގައި ހުރި ވޯޓު ކަރުދާސްތަކަށް ބަދަލެއް ގެނައިކަން އެނގޭނެ އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ކޮޓަރީގެ ސަލާމަތީ ކަންކަން ދަށްވެގެން އަދި ހުއްދަ ނެތް ބަޔަކު ވަދެގެން ފުލުހަށް އެއްވެސް ރިޕޯޓް ވެސް ކޮށްފައިނުވާ ކަމަށްވެސް ޙުކުމްގައި ބުނެފައި ވެއެވެ.

އަދި އަނގޮޓިއެއް ބޭނުންކޮށްގެން ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވާއިރު އެކަން ކޮށްފައިވަނީ ކޮން މަރުކަޒެއްގައި ކޮން ވަސީލަތެއް ބޭނުންކޮށްގެން ކަމެއް ވެސް ބުނެދެވިފައިނުވާ ކަމަށްވެސް ޙުކުމްގައި ވެއެވެ.

އަދި ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްގެން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނާއިރު، ވޯޓުލުމަށް އަމިއްލަ ގަލަން ގެންދިއުމަށް އީސީ އިން އިލްތިމާސްކޮށްފައިވާ ކަމަށާއި، އަމިއްލަ ގަލަމުން ވޯޓުލީ މީހުންގެ އަދަދާއި މަރުކަޒުގައި ހުރި ގަލަމުން ވޯޓުލީ މީހުންގެ އަދަދެއް ވެސް ދައުވާކުރާ ފަރާތުން ހުށަހަޅާފައިނުވާކަން ހުކުމްގައި ފާހަގަކުރި އެވެ.

ވޯޓުލާ ބޫތް ބެހެއްޓި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލުނު ކަމަށް ބުނާއިރު އެފަދަ ކަންކަން ހިނގި ކަމުގެ ހެއްކެއް ވެސް ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޔޫވީ ލައިޓް ބޭނުންކޮށްގެން ވަކިވަކި ވޯޓު ކަރުދާހުގެ ސައްހަކަން ބައެއް މަރުކަޒުތަކުގައި ބަލާފައިނުވާ ކަމަށް ބުނާއިރު، ޔޫވީ ލައިޓް ބޭނުންކޮށްގެން ވަކިވަކި ވޯޓު ކަރުދާސް ޗެކްކުރުމަކީ ގާނޫނަކުން ލާޒިމް ކުރާ ކަމެއް ނޫން ކަމަށްވެސް ޙުކުމްގައި ފާހަގަކޮށްފައި ވެއެވެ.

އަދި ވޯޓުލާ މަރުކަޒުތަކަށް ގެނައި ވޯޓު ކަރުދާހުގެ އަދަދު އިއުލާންކޮށްފައި ނުވާ ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ތުހުމަތުކުރި ނަމަވެސް، އެކަން އެގޮތަށް ހިނގިކަން ސާބިތުކުރެވޭ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް ޙުކުމްގައި ފާހަގަކުރެއެވެ. އަދި ވޯޓު ކަރުދާސްތައް ހުރި ސިޓީ އުރައްތައް ބަންދުނުކޮށް އީސީ އަށް ފޮނުވި ކަމަށް ބުނި ނަމަވެސް އެކަން ވެސް އެގޮތަށް ހިނގާފައިވާކަން އެނގެން ނެތް ކަމަށާއި، އަތް ދަބަހާއި ފޯނު ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދި ކަމަށް ބުނާއިރު، އޭގެ ސަބަބުން ވޯޓު އޮޅުވާލާފައިވާކަން އެނގެން ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ޙުކުމްގައި އިތުރަށް ބުނެފައި ވަނީ އެއްވެސް ވޯޓު ފޮށްޓަކަށް އިތުރަށް ވޯޓުލާފައިވާ ކަމުގެ ހެއްކެއް ވެސް ނެތް ކަމާއި ވޯޓުލަމުން ދިޔައިރު ހަދިޔާ ބެހި ކަމުގެ އެއްވެސް ހެއްކެއް ވެސް މައްސަލާގައި ހުށަހަޅާފައިނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސް އަސާސެއް ނެތްކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން އެކަށީގެންވާ ޤާނޫނީ އަސާސްތަކެއް އަދި ޤަރީނާއެއް ދައްކާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެކަން ތަހުޤީޤު ކުރަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް އެދިފައިވީ ނަމަވެސް، އެ ކަންތައްތަކަކީ ތުހުމަތުތަކެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އެކަންކަން ތަހުޤީޤު ކުރަން ކޯޓް އަމުރެއް ނެރެން ޖެހޭ އަސާސެއް ނެތް ކަމަށްވެސް އެ ޙުކުމްގައި ބުނެފައިވެއެވެ.

އަދި އިންތިޚާބާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމަށް އަދި އިންތިޚާބާއި ގުޅޭ ގޮތުން ކޮރަޕްޝަންގެ ތުހުމަތެއް އޮތް ނަމަ، އެކަންކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އެ ޙުކުމްގައި ބުނެފައި ވެއެވެ.

ޙުކުމްގައި އިތުރަށް ފާހަގަކޮށްފައި ވަނީ ޖިނާއީ ތަހުޤީޤެއް ހިންގަން ޖެހޭ ފަދަ ކަމެއް އޮތްނަމަ އެފަދަ އަމުރެއް ޕްރޮސިކިއުޓާ ޖެނަރަލަށް ފުލުހުންގެ މައްޗަށް ނެރެވިދާނެ ކަމަށާއި، އީސީގެ މެންބަރުންގެ މައްޗަށް ތުހުމަތެއް ކުރެވޭނަމަ އެ މެންބަރުން ޒިންމާދާރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ޒިންމާއެއް ކަމަށެވެ.

ހުކުމް ނިންމާލަމުން ބުނެފައިވަނީ އިންތިޚާބާއި ބެހޭ މައްސަލައިގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއް ސާބިތުކުރުމަށް ހަރުދަނާ އެއްވެސް ހެއްކެއް ނެތުމާއި ގަޟައީ ތަހުޤީޤު އަމުރެއް ނެރެންޖެހޭ ފަދަ ކަމެއް މައްސަލާގައި ނެތުމުން ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެހެންކަމުން، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް 134،705 ވޯޓު ލިބުނު ކަމާއި ރައީސް ޔާމީނަށް 96،052 ވޯޓު ލިބުނު ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ނަތީޖާއަކީ ސައްޙަ ނަތީޖާއެއް ކަމަށް ކަނޑައަޅާ ކަމަށް ޙުކުމްގައިވެ އެވެ.