Last Updated: May 20, 11:52
Monday, May 20, 2024
ރިޕޯޓް

ކޯޓުން ގެނައި ވެރިކަން ކޯޓުން ނިމުމަކަށް!

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން ބުރަށް ވޯޓުލާން ޖެހުނު ރިޔާސީ އިންތިހާބެވެ. ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލްކުރުމާއި އެކު ރައީސް އަބްދުﷲ ޔާމީން އަށް ފަހި ފުރުސަތުތަކެއް ލިބިވަޑައިގެންނެވިއެވެ. އެކަމަށް ޚުދު އެމަނިކުފާނުގެ ވެސް ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.

ކޮންމެއަކަސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް މަގު ކޮއްޓެވުމުގައި ސުޕްރީމް ކޯޓުގެ ދައުރު ބޮޑެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުލުން މަތިން ފޫހިކުރުވިއެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވުމުގެ ކަންތަކެއް ހިންގާލި ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިގެން ގޮސްފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވެ ވަޑައިގެންނެވުމުން ބަލިގަބޫލުކުރައްވާފައި ދެން ވަޑައިގެންނެވީ ސުޕްރީމް ކޯޓަށެވެ. "ލިޔެވޭ އަނގޮޓި" އާއި "ފާހަގަ ވެއްޓޭ" ކަމަށް ވިދާޅުވެ ރައީސް ޔާމީން ސުޕްރީމް ކޯޓުގައި އިންތިޚާބު ބާތިލްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެހެން ނަމަވެސް މިއަދު އެ ކޯޓުން ހުކުމްކުރީ ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބާތިލްކުރެވެން ނެތް ކަމަށެވެ. ރައްޔިތުންގެ ބަހުރުވައިން ބުނާ ނަމަ، ރައީސް ޔާމީންގެ "ޚިޔާލީ ވާހަކަތަކަށް" ބިނާކޮށް ރައްޔިތުންގެ ނިންމުން ބާތިލްކުރަން ނުޖެހޭ ކަމަށެވެ.

އިންތިޚާބުން ބަލިވިޔަސް ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީން ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ކޯޑިނޭޓަރުން ކިތަންމެ ވަރަކަށް ބުންޏަސް ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެން ދިޔައީ ރައީސް ޔާމީނަށް އެފުރުސަތެއް ނެތްކަމެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެއެވެ. ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. "ގަޓު" ރައީސަކަށް ވިޔަސް އިތުރަށް ވެރިކަން ދިގުދެންމޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔަ ގޮތަކީ ވިސްނާ ބަޔަކަށް އިބްރަތެކެވެ. މިއަދު ސުޕްރީމް ކޯޓުގެ ހުކުމާއި އެކޯޓު މެދުވެރިކޮށް 2013 ވަނަ އަހަރު ގެނައި ވެރިކަން 2018 ވަނަ އަހަރު ހަމަ އެ ކޯޓުން ނިންމީއެވެ.