ދިވެހި ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓުމަކީ އިސްލާޙީ ޙަރަކާތަށް ލިބުނު ހިތްވަރެއް ކަމަށް ޤާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޖުމްހުރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ (އައިޝާ) ވިދާޅުވެއްޖެއެވެ.
އައިޝާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ، އެމަނިކުފާނާ ދެކޮޅަށް މިއަދު ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
الحمد لله
Rayyithunge Nimmun SC in Dhemehehttumee Islaahee Harakaathah Libunu Hiyvareh.#JazeeraaRaajje— Aishath Nahula (@aishath_nahula) October 21, 2018
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު އިއްވި ޙުކުމްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި، އިންތިޚާބު ބާތިލްކުރަން އެކަށީގެންވާ މިންވަރަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކާއި ޤަރީނާ ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.
އަދި އިންތިޚާބާއި ބެހޭ އެއްވެސް މައްސަލައެއް އޮތް ނަމަ، އެކަން ހައި ކޯޓަށް ހުށަހެޅުމަށާއި، އިންތިޚާބުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާނަމަ، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށްވެސް އެ ޙުކުމްގައި ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓްގެ ޙުކުމާމެދު އުފާ ފާޅުކޮށް އައިޝާ މިއަދު ޓްވީޓް ކުރެއްވިއިރު، މެޑަމް އައިޝާ ވަނީ ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެމްޕެއިންގައި އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ހޯއްދެވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.
ވީޓީވީ "ފަސް މަންޒަރު" ޕްރޮގްރާމަށް މި މަހުގެ ކުރީކޮޅު ދެއްވި އިންޓަވިއުއެއްގައި އައިޝާ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވަން ފުރުސަތެއް ލިބިލައްވައިފިނަމަ، އެކަމަށް ނޫނެކޭ ވިދާޅުނުވާނެ ކަމަށެވެ.
"…މަޤާމެއް ނޫނީ ޕާޓީއަކުން ލިބޭ ވަޒީފާއެއް ނޫން މުހިންމު ކަމަކީ. ރައްޔިތަކަށް ޚިދުމަތް ކުރެވޭ ކޮންމެ ހާލަތެއް އަތުވެއްޖެނަމަ، އެކަމަކާ ގުޅުންހުރި ކޮންމެ ކަމެއްގަ ޚިދުމަތްކުރެވޭ ތަނަކަށް، އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ޚިދުމަތްކުރަން ފުރުސަތު ލިބިއްޖެނަމަ، ފުރުސަތު ދެއްވައިފިނަމަ އެކަމަށް މަރްހަބާ ކިޔާނަން"، އައިޝާ ވިދާޅުވި އެވެ.
ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެމްޕެއިނަށް އައިޝާ ނިކުމެވަޑައިގެންނެވީ ފިރިކަލުން ޤާސިމް އިބްރާހިމް އާއި ޤާސިމްގެ ދަރިކަލުން ސިޔާދު ޤާސިމް ހައްޔަރު ކުރުމާއި ގުޅިގެންނެވެ.