Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ނިހާނާއި މުހުތާޒުގެ ދައުވާތައް ބާތިލުކޮށްފި

ކުރީގެ ޕީޖީ މުހުތާޒު އަދި ގާޒީ ނިހާން: ފޮޓޯ - މިހާޜު

ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެ ހައްޔަރުކުރި ގާޒީ ނިހާނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން، ނިހާނާއި މުހުތާޒާ ދެކޮޅަށް ކުރުމަށް ފޮނުވާފައިވާ ދައުވާތަކެކެވެ. އޭގެ ތެރޭގައި ނިހާނާ ދެކޮޅަށް އުފުލި ތިން ދައުވާއަކާއި މުހުތާޒާ ދެކޮޅަށް އުފުލި ދެ ދައުވާއެއް ވަނީ ބާތިލުކޮށްފައެވެ.

ނަމަވެސް މުހުތާޒާއި ނިހާނަށް ވެސް ވަނީ މީގެ ކުރިން ޓެރަރިޒަމްގެ ދައުވާ އުފުލައި، އެދައުވާތައް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ވެސްކޮށްފައެވެ. ދެބޭފުޅުން ވެސް ގެންދަވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފައިވަނީ މުހުތާޒާ ދެކޮޅަށް އުފުލާފައިވާ ކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއެވެ.

އަދި ނިހާނާ ދެކޮޅަށް އުފުލާފައިވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.

ދެބޭފުޅުންގެ ދިފާއުގައި ވަކީލުން ވަނީ ދައުލަތުން އުފުލާފައިވާ އިތުރު ދައުވާތަކަކީ ކުރިން، އުފުލައި ސާބިތުވެފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅުންހުރި ދައުވާތައް ކަމަށާއި، އެއް ކަމަކަށް ދެދައުވާއެއް އުފުލައި އަދަބު ނުދެވޭނެ ކަމަށެވެ.