އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަންނަ ނޮވެމްބަރު މަހުގެ 11 ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީ އިން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ފަސް މެމްބަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމެއްގައި، އެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި އީސީ އިން އެގޮތަށް ނިންމީ، 2013 ވަނަ އަހަރު އެ ކޮމިޝަނުން ނެރުނު އިޢުލާނުގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރު ފެށިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ބުނެފައިވާތީ ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގެ ކަލަންޑަރު 2018 ހެދުމުގައި، ޤާނޫނީ ގޮތުން ބަޔާންކޮށްފައިވާ ތާރީޚުތައް، ނޮވެމްބަރު 11 އަކީ ދައުރު ހަމަވާ ދުވަސްގެ ގޮތުގައި ބަލައިގެން ކަނޑައަޅާފައިވުން ވެސް އީސީ އިން ފާހަގަކުރެއެވެ.
ގާނޫނު އަސާސީގެ އިންތިގާލީ ބާބުގައިވާ ގޮތުން އާ ރައީސްއަކު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 11 ގައެވެ.
އެހެންނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ނޮވެމްބަރު 17 ގައި ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމާއި ގުޅިގެން، 11 ނޮވެމްބަރަށް އާ ރައީސްއަކު އިންތިޚާބު ނުކުރެވުމުގެ ސަބަބުންނެވެ.
ރިޔާސީ އިންތިޚާބުގެ ދައުރާ ގުޅޭގޮތުން، އިންތިޚާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް ވެސް އެދިފަ އެވެ.
އަދި އޭރު ބަންޑާރަ ނައިބުގެ އޮފީހުން ލަފާދިނީ ރައީސް ޔާމީން ހުވާކުރެއްވީ 17 ނޮވެމްބަރ 2013 ގައި ކަމަށް ވުމުން، މި ފަހަރު ވެސް ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ގައި ބޭއްވުމަށެވެ.
އެހެންނަމަވެސް އަންނަ މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް، އިބޫ އަށް ހުވާކުރެއްވެން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.