Last Updated: June 22, 18:06
Sunday, June 22, 2025
ޚަބަރު

ސުޕްރީމް ކޯޓުގެ ޙުކުމަކީ ތާރީޚީ ޙުކުމެއް، އިންސާފް ލިބިއްޖެ: ރައީސް މައުމޫން

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރަން ނުޖެހޭ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމަކީ ފާހަގަކޮށްލެވޭ، ތާރީޚީ ޙުކުމެއް ކަމަށާއި، އިންސާފު ލިބިއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް އަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓްގައި މައުމޫން ވިދާޅުވީ އެ ދެ ބޭފުޅުންނަށް އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ސުޕްރީމް ކޯޓުން ޤަބޫލުކޮށް، އެ ނަތީޖާ ސައްޙަކޮށްދީފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ޙުކުމްގައި ބުނެފައި ވަނީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ހުށަހަޅާފައި ނެތުމުން ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެހެންކަމުން، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް 134،705 ވޯޓު ލިބުނު ކަމާއި ރައީސް ޔާމީނަށް 96،052 ވޯޓު ލިބުނު ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ނަތީޖާއަކީ ސައްޙަ ނަތީޖާއެއް ކަމަށް ކަނޑައަޅާ ކަމަށް ޙުކުމްގައިވެ އެވެ.