Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ރައީސް ޔާމީން ދެން ބަލި ގަބޫލުކުރައްވައި، އެއްބާރުލުން ދެއްވާ: އިބޫ

ހަފްތާތަކެއް ފަހުން ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމާއެކު ރައްޔިތުން ގެނައި ބަދަލު ހަގީގަތުގައި ބަލައިގަނެ، އުފާ ފާޅުކުރުމުގެ ފުރުސަތު މިއަދު ލިބިފައިވާ ކަމަށް އިންތިޚާބީ ރައީސް، އިބޫ ސޯލިހް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ ބަޔާނެއް ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމަށް ފަހު ނެރެފައިވާއިރު އިބޫ ވަނީ ރައީސް ޔާމީން ބަލި ގަބޫލުކުރައްވައި، ބާރުތައް ބަދަލުކުރުމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.

އަދި ސުޕްރީމް ކޯޓަށް އެމަނިކުފާނުގެ ފަރާތުން ހުށައެޅި މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކުރެވި ހުށައެޅި މައްސަލައެއް ނޫން ކަމަށާއި އޭގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކުލެވެނީ ޝައްކާއި ވަހުމު އަދި ޚިޔާލީ ވާހަކަތަކާއި ބާރުގައި ތިއްބެވި ބޭފުޅުންނަށް ބަލި ގަބޫލުނުކުރެވުން ކަމަށް އިބޫ ވިދާޅުވިއެވެ. ރައްޔިތުން ވޯޓުލީ ބަދަލަކަށް ކަމަށާއި ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް އިންތިޚާބުގައި ހިނގާފައިނުވާ ކަމަށް ވެސް މިބަޔާނުގައި ފާޙަގަކޮށްފައިވެއެވެ.

މީގެ އިތުރުން އާސަރުކާރު ހަވާލުވުމަށް ފަހު، ވޯޓުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމާއި ޑިމޮކްރަސީގެ އަސާސްތަކާއި ގާނޫނު އަސާސީ ދަމަހައްޓައި މުޖުތަމައުގެ އަމާންކަން ގާއިމުކުރުމަށް މިހާރު އެޅޭ ބިންގާ މުހިންމު ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.