Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ދެން ކުރަން އޮތް ކަމަކީ ޕީޕީއެމް އުވާލުން: ފަލާހް

ޕީޕީއެމުން ދެން ރަނގަޅު ކަމެއް ކުރާނަމަ ކުރަން އޮތީ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވި ކަމަށް ބުނާ ޕީޕީއެމް ވައިބާ ގްރޫޕެއްގެ ޗެޓުލޮގެއް ލީކު ވެއްޖެއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރުންގެ ވައިބާ ގްރޫޕުގައި ރައީސް ޔާމީން މިއަދު އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމުމުން، މާޔޫސް ވަޑައިނުގެންނެވުމަށް އެދިވަޑައިގެންފައިވެއެވެ.

ޖަވާބުގައި ފަލާހް، ޕާޓީ އުވާލުމަށް ގޮވާލުމުން ރައީސް ޔާމީނަށް ކުއްލި ހައިރާން ކަމެއް ލިބިވަޑައިގެން ފަލާހު ވިދާޅުވީ ކީކޭތޯ ސުވާލު ކުރެއްވިއެވެ. އަދި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުން، ޖިނާއީ ތަހުގީގެއް ހިންގުމަށް އޮތް ފުރުސަތު ބަންދުވެފައިނުވާ ކަމަށް ވިދާޅުވެ ފަލާހަށް ހިތްވަރު ދެއްވާފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައި ނިންމާ އެކޯޓުން ވަނީ އިންތިޚާބު ބާތިލުކުރަން ޖެހޭ އަސާސެއް ނެތް ކަމަށް ބުނެ ހުކުމް އިއްވާފައެވެ.