ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް(ޕީޕީއެމް) ގެ ލީޑާޝިޕާއި ގުޅޭގޮތުން މިހާރު ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަތައް ވަކި ގޮތަކަށް ނިމެންދެން، މިހާރު ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ހުށައަޅާ އެންމެހާ ނިންމުންތައް ތަންފީޒު ކުރަން މަޑުޖައްސާލުމަށް އެދި ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.
މިސިޓީ ފޮނުވާފައިވަނީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި 2013 ވަނަ އަހަރު ބޭއްވި ގައުމީ މަޖިލީހުން އިންތިޚާބުކުރި ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމަންޓަށް ނިސްބަތްވާ މުހައްމަދު ނަދީމެވެ.
ނަދީމް ސޮއިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުވި ސިޓީގައި ވަނީ ޕާޓީގެ ރައީސްގެ މަގާމަށް 2013 ވަނަ އަހަރު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި މއ. ކިނބިގަސްދޮށުގޭ މައުމޫން އަބްދުލްޤައްޔޫމް އިންތިޚާބު ކުރުމަށް ފަހު އެޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް އަސާސީ ގަވާއިދުގައި ފާސްކޮށްފައި ވާކަމަށެވެ.
އަދި އެކަން އެގޮތަށް އޮވެމެ، ޕާޓީގެ ލީޑަޝިޕާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި އެކޯޓުން، ޕާޓީގެ ލީޑަރު ކަމަށް މުސްތަޝާރު، ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ކަނޑައެޅުމަށް ފަހު ބޭއްވި ޖަލްސާތަކުގައި އެމަނިކުފާނު އިސްކޮށް ހުންނަވައި ނިންމެވި ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފު ނިންމުންތަކެއް ކަމަށް ވެސް މިސިޓީގައި ބަޔާންކޮށްފައިވެއެވެ.
އަދި ރައީސް މައުމޫންގެ މައުމޫން ފަރާތުން ލީޑަޝިޕާ ގުޅޭގޮތުން އިތުރު މައްސަލައެއް ސިވިލް ކޯޓަށް ހުށައަޅާފައިވާއިރު މިހާރު އޮތް ލީޑާޝިޕުން ނިންމާ ނިންމުންތައް ގަބޫލުނުކުރެއްވުމަށް އެދިފައިވެއެވެ.
ޕީޕީއެމުން ވަނީ ދެވަނަ ގައުމީ ޖަލްސާ މިމަހުގެ ތެރޭ ބާއްވާފައެވެ. އަދި އެޖަލްސާގައި ހަތަރު ނައިބު ލީޑަރުން އައްޔަން ކުރުމަށް ފަހު ރައީސް ޔާމީނާ ލީޑަޝިޕް ހަވާލުކުރިއެވެ.
ޕީޕީއެމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައި އެމަނިކުފާނުގެ ކުރީގެ ޕާޓީ، ޑީއާރުޕީގެ ލީޑަރު މުހައްމަދު ތަސްމީން އަލީއާ ދެމެދު މައްސަލަ ޖެހުމުން ޕާޓީ ދޫކުރައްވައި އުފެއްދެވި ޕާޓީއެކެވެ. ޕާޓީއާ މިހާރުގެ ލީޑަރ ރައީސް ޔާމީން ގުޅިވަޑައިގެންނެވީ ވަރަށް ފަހުންނެވެ.