Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުމާއެކު ކުރީގެ ތިން ރައީސުންގެ މަރުހަބާ އަނެއްކާވެސް އިބޫއަށް

ރައީސް އަބްދުﷲ ޔާމީން، މިއަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމުން، އިންތިޚާބުން މަކަރު ހެދި ކަމަށް ބުނެ އިންތިޚާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބެއްލެވުމަށް ފަހު މިއަދު އެކޯޓުން އިންތިޚާބު ބާތިލުކުރެވެން ނެތް ކަމަށް އިއްވި ހުކުމާއެކު ކުރީގެ ރައީސްކަން ކުރެއްވި ތިން ރައީސުން އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ސޯލިހްއަށް މަރުހަބާ ދަންނަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ވަނީ އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލްއަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ޔާމީން ޖެހިގެން އައި ދުވަހު، ގައުމާ މުޚާތަބު ކުރައްވައި އިބޫ ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދަންނަވާފައިވާ ކަމަށް ވިދާޅުވެފައިވާއިރު އޭރު ކުރީގެ ރައީސް މައުމޫން ހުންނެވީ ޖަލުގައެވެ. އެހެންކަމުން ރައީސް މައުމޫނަށް މަރުހަބާ ދެންނެވުނީ އެމަނިކުފާނު މިނިވަން ވުމުން، އޭގެ ދުވަސްތަކެއް ފަހުންނެވެ.

މިއަދު އަނެއްކާވެސް ތިން ރައީސުން ވެސް އިބޫއަށް މަރުހަބާ ދަންނަވާފައިވެއެވެ. އެންމެ ފުރަތަމަ ރައީސް މައުމޫން، ސުޕްރީމް ކޯޓުން ހުކުމް އިއްވިތާ މާގިނަ އިރުތަކެއް ނުވެ މަރުހަބާގެ މެސެޖެއް ފޮނުވާފައިވާއިރު ރައީސް ނަޝީދު ވަނީ ރައްޔިތުން ހުކުމް އިއްވާފައިވާއިރު އިތުރު ހުކުމެއް އިންތިޚާބާ ގުޅޭ ގޮތުން އިއްވަން ޖެހޭ ކަމަށް އެއް އިރެއްގައިވެސް ނުދެކޭ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ. އެހެންނަމަވެސް އިންތިޚާބީ ރައީސް އިބޫ ސޯލިހްއަށް މަރުހަބާ ދަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ފަހަށް ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ވެސް ވަނީ އިންތިޚާބީ ރައީސް އިބޫ އަދި ނައިބު ރައީސް ފައިސަލްއަށް މަރުހަބާ ދަންނަވާ ކަމަށާއި ނޮވެމްބަރު 11 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިއަދު އިއްވި ހުކުމުން އިންތިޚާބު ބާތިލުކުރަން ޖެހޭ އެއްވެސް ކަމެއް ފާހަގަ ވެފައިނުވާ ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާއިރު ރައީސް ޔާމީން ދެން ބަލި ގަބޫލުކުރެއްވުމަށް ފަހު އާސަރުކާރަށް ޖާގަ ދިނުމަށް އިންތިޚާބީ ރައީސް އިބޫ ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.