Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

މާޔޫސްވެ ވަޑައިނުގަންނަވާތި: ރައީސް ޔާމީން

ރިޔާސީ އިންތިހާބު ބާޠިލުކޮށްދެއްވުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅިގެން މާޔޫސްވެ ވަޑައިނުގަތުމަށް ޕީޕީއެމް ކައުންސިލް މެމްބަރުންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ލަދުވެތި ގޮތަކަށް ރައީސް ޔާމީން ނާކާމިޔާބު ވުމާއި ގުޅިގެން އެމަނިކުފާން ވަނީ އިންތިހާބާއި ގުޅޭ މައްސަލަ ތަކަކާއި އެކު ސުޕްރީމް ކޯޓަށް ވަޑައިގެންފައެވެ. އަދި އެމައްސަލައިގެ ހުކުމް މިއަދު ސުޕްރީމް ކޯޓުން އިއްވާފައިވަނީ އިންތިހާބު ބާޠިލް ކުރަންޖެހޭ އަސާސީ ސަބަބެއް ނެތްކަމަށެވެ.

ލީކުވެފައިވާ ޕީޕީއެމް ކައުންސިލްގެ ވައިބަރ ޗެޓްލޮގެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ "މާޔޫސްވެ ވަޑައި ނުގަންނަވާތި" އެވެ. ރައީސް ޔާމީންގެ އެވާހަކަފުޅުތަކާއި ގުޅިގެން މެމްބަރުން ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ލީކުވެފައިވާ އެހެން ޗެޓުލޮގެއްގައި އިނގުރައިދު ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލުމަށް ހިޔާލު ދެއްވާފައެވެ.

އެ ވާހަކަތަކަށް ރައީސް ޔާމީން ވަނީ ކުއްލި ހައިރާން ކަމަކާއި އެކު "ކީކޭތޯ" އައްސަވާފައެވެ.

ރައީސް ޔާމީންގެ ނާކާމިޔާބީ އާއި ގުޅިގެން ބައެއް ޕީޕީއެމް މެމްބަރުން ވަނީ އެމަނިކުފާނާއި އެކު ސިޔާސީ މަސައްކަތުގައި ދެމިތިއްބަވާނެކަމަށް ވިދާޅުވެފައެވެ.