Last Updated: May 14, 17:32
Tuesday, May 14, 2024
ރިޕޯޓް

އައްޑޫ ސިޓީގެ މޫނުމަތި

އައްޑޫ ސިޓި ކައުންސިލްގެ ވެބްސައިޓް.

އައްޑޫ މީހުންގެ އެންމެ ބޮޑު ފަހުރަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވުރެ ތައުލީމީ ހޭލުން ތެރިބަޔަކު ތިބުމެވެ. މީއެންމެ ކުރީ ޒަމާނުއްސުރެ އައްޑޫއަށް ހާއްސަވެފައިވާ ކަމެކެވެ. އައްޑޫ މީހުންނަށް ރާއްޖޭގެ އެހެން ކަންކޮޅުތަކުން އިހްތިރާމާއި ގަދަރު ލިބެނީ މި ސަބަބާ ހެދިއެވެ.

ރާއްޖޭގެ ކޮންމެ ދިމާލަކުން އައްޑޫ މީހަކު ފެނުނަސް ގިނަ މީހުން އެމީހަކު ފާހަގަ ކުރެ އެވެ. އާދަޔާހިލާފު ހުނަރުވެރި ގާބިލް ބަޔަކަށްވާތީ އެވެ.

އައްޑޫ ސިޓީއަކަށް ހެދުމަށް ކުރި މަސައްކަތަކީ ބޮޑު މަސައްކަތެކެވެ. ބަޔަކު ކޯޓަށް ގޮސް ސިޓީ އަކަށް ހެދިޔަ ނުދޭން މަސައްކަތް ކުރި އިރު އަނެއް ބަޔަކު ކޯޓަށް ގޮސް ސިޓީއަކަށް ހަދަން ވަކާލާތު ކޮށް އެންމެ ފަހުން ކޯޓުގައި "ތަޅުއަޅުވައި"ގެން ވަނީ ސިޓީގެ ދަރަޖަ ހޯދާފަ އެވެ. މިވެސް އާދަޔާހިލާފްކަމެވެ.

އައްޑޫ ސިޓީއެއްގެ ދަރަޖަ ލިބުމާއި އެކު ތަރައްޤީވުމަށް ފުރުސަތުތަކެއް ހުޅުވިގެން ދިޔައެވެ. އޭގެ ހަގީގީ މަންފާއެއް އެކަމަކު ނުލިބެއެވެ. 17 ވަނަ ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށް ކުރި މަސައްކަތުގެ ތެރެއިން ފައިދާގެ ބަދަލުގައި އިސްރާފްވަމުން ދިޔަ ރައްޔިތުންގެ ފައިސާ ދިޔައީ އަތުޖެހުނު މީހަކު ނަގަމުންނެވެ.

ތަރައްޤީއަށް އައްޑޫގައި ކުރެވުނު މަސައްކަތުގެ ތެރެއިން "ވީރާނާ" ވާން ދޫކޮށްލާފައި އެހެރީ ތަރައްޤީގެ މައި ބިނާއެވެ. އައްޑޫއަށް ޒިޔާރަތް ކުރާ އެންމެ ގިނަ މީހުން މިއަދު ބަލާލަން ދާ އިމާރާތެވެ. ކުލަވެއްޓި، ދަބަރަށްވެ، މުޅި ސަރަހައްދު ބޯ ޖަންގައްޔަކަށް ވާން ދޫކޮށްލާފައެވެ.

ދެން އޮތީ އައްޑޫގެ މޫނުމަތިއެވެ. ގަމަށް ފައިބައިގެން ދަތުރު ކޮށްފައި ހިތަދޫއަށް އަންނަ މީހަކަށް އެންމެ ފުރަތަމަ ލޮލޮގައި އަޅައިގަންނާނެ އެއްތަނަކީ ގަމުގެ ޕޮލިސް ސްޓޭޝަނެވެ. އެތަން ވަނީ އަންދާ އަޅިއަށް ހަދާފައެވެ. ތަންކޮޅަކަށް ދެވޭ ހިސާބުން ލިންކު ރޯޑުން ފޭދޫ ކޯޓެވެ. ދެން މަރަދޫ ކޯޓެވެ. ހިތަދޫއަށް އަރާ ހިސާބުން ހިތަދޫ ޕޮލިސް ސްޓޭޝަނެވެ. މިހެން ގޮސް މައިމަގުން އަންދާލާފައި ހުރި ހަތަރު ފަސް އިމާރާތެއް ފެންނާނެއެވެ.

އާ ރޯކަމާއި ދިރުމަށް ވުރެ ބޮޑަށް އައްޑޫގެ މޫނު މަތިން ފެންނަނީ ހުޅުޖަހައި އަންދާލާފައި ހުރި ބިނާތަކެވެ. ދެން އޮތީ ރައްޔިތުންގެ ވޯޓަކުން އިންތިހާބް ކުރި ކައުންސިލްއެވެ. އެންމެ ގާބިލް ތައުލީމީ ރައްޔިތަކު ތިބި ތަނަކުން ރައްޔިތުން ހޮވާލި ހަ ކައުންސިލަރުންނެވެ. އެމީހުންގެ ގާބިލްކަން މި ދެންނެވި ހުރިހާ ކަމަކުން އެދަނީ ފެންނަމުންނެވެ.

އައްޑޫގެ އެންމެ ރަސްމީ އިދާރާ ދުރުގައި ތިބި ބަޔަކު ބަލާލަނީ މިވަގުތު ކައުންސިލުން ތައްޔާރު ކުރި ވެބްސައިޓުންނެވެ. ޓެކްނޮލޮޖީގެ އެހީގައި މީހުން މިއަދު ކަން ފަސޭހަވެގެން ތިބި އިރު މުޅި އައްޑޫ ދައްކުވައިދޭ ވެބްސައިޓް، އެހެން އިބާރާތަކުން ބުނާނަމަ "އައްޑޫގެ މޫނުމަތި" ބަލާލުމުން މުޅި އައްޑޫއަށް ލިބެނީ ބޮޑު ލަދެކެވެ.

ރާއްޖޭގެ ނިސްބަތުން މޮޅެތި ވެބް ޑިޒައިނަރުންނާއި ޑިވެލޮޕަރުން ތިބެފައި، ރާއްޖޭގެ އެންމެ މޮޅު ކޮންސަލްޓެންޓުން ތިބި ސިޓީގެ މޫނުމަތި ފެނުމުން ހަގީގަތުގައި ވެސް ލަދުގަނެއެވެ. މީކުރިން ބުނި ހުރިހާ ކަމަކަށް ކުރެވޭ މަލާމާތެކެވެ.

ނަމަވެސް އަދިވެސް މި ކަންކަން ރަނގަޅު ކޮށް މިއަށް ވުރެ ފުރިހަމަ ކޮށް އައްޑޫގެ މޫނުމަތި ޑިޒައިން ކޮށް މުޅި ދުނިޔެއަށް ދެއްކިދާނެއެވެ. ކަމާއި ބެހޭ ފަރާތްތަކުން މިކަމާއި ވިސްނާލުން ވަރަށް މުހިއްމެވެ.