ޚިޔާލީ ދުނިޔެއިން ނިކުމެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައިފިއެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމިފައިވާއިރު އީސީގެ ރައީސް ޝަރީފަށް ޕީޕީއެމްގެ އާންމު މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ރިޝްވަތު ނަގައިގެން އިންތިޚާބު އޮޅުވާލި ކަމަށް ބުނެ ތުހުމަތު ޝަރީފް އިތުރުން އީސީގެ ދެންތިބި މެމްބަރުންނަށް ވެސް ވަނީ ކޮށްފައެވެ.
ޝަރީފް ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭއިންސާފުން އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމަށް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން، އެރޭ ވިދާޅުވެފައެވެ. އަދި އިންތިޚާބު ގޮސްފައިވަނީ ވަރަށް އަމާން ކޮށް ކަމަށާއި ނަތީޖާ އަށް ބަދަލެއް އަތުވެދާނެ ފަދަ ޝަކުވާއެއް، މައްސަލައެއް ވެސް ހުށައަޅާފައިނުވާ ކަމަށް އެރޭ ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަރީފް ވަނީ އިންތިޚާބުން ރައީސް ޔާމީން ބަލިވުމުން ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާއި އާންމު މެމްބަރުންގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް އަމާޒުވެގެން ދިޔަ ބޭފުޅަކަށެވެ.