މީގެ ހަ އަހަރު ކުރިން ރަހުމުކުޑަ ގޮތަކަށް މަރާލި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތު، އެކަން ހާމަކުރެވޭނެ ފަދަ ޕްލެޓުފޯމެއްގައި ހާމަކުރައްވާނެ ކަމަށް އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް ވަނީ ކުރިންވެސް އެމައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު މަސްލަހަތު އޮތް ގޮތުން މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށާއި، ވަގުތު ޖެހުމުން އެކަން ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ ޝަރުއީ ކޯޓެއްގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް ނުވަތަ މިނިވަން މުއައްސަސާއަކުން ކުރާ ތަހުގީގެއްގައި އެ ހުރިހާ މައުލޫމާތެއް ހިއްސާ ކުރައްވާނެ ކަމަށެވެ.
"މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅިގެން އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް އެކަމަށް އެޕްރޮޕްރިއޭޓު ޕްލެޓްފޯމެއްގައި ހާމަ ކުރަން މިހިރީ ތައްޔާރަށް. އެކަންކަން ސޯޝަލް މީޑިޔާގައި ހާމަކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ކަމަށް ނުދެކެން" ރިޔާޒް
އިންތިޚާބަށް ފަހު ރިޔާޒް ޖަލު ބަންދުން މިނިވަން ވުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި، އެ މައުލޫމާތު ހިއްސާ ކުރަން ވަގުތު ޖެހިއްޖެތޯ ރިޔާޒާ ސުވާލު އަމާޒު ކުރައްވަމުންނެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިރޭ ރިޔާޒު ވިދާޅުވީ ސޯޝަލް މީޑިޔާއަކީ އެފަދަ މައުލޫމާތު ހާމަކުރަން އެކަށީގެންވާ ޕްލެޓްފޯމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި ދައުލަތުން ވަނީ ހުސެން ހުމާމްގެ މައްޗަށް ދައުވާ އުފުލާފައެވެ. ގަސްދުގައި މީހަކު މެރުމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، މަރަށް މަރު ހިފުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.