Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އަނެއްކާވެސް ސުޕްރީމް ކޯޓަށް ދާން ޖެހިދާނެ: އަލީ އާރިފު

ޕީޕީއެމް ތަރުޖަމާނު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ފޮޓޯ: އަވަސް

ނޮވެމްބަރ 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާނަމަ އެކަން ހުއްޓުވުމަށް އެދި އަނެއްކާވެސް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހިދާނެކަމަށް ޕީޕީއެމްގެ ތަރުޖަމާނު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ނޮވެމްބަރ 11 ވަނަ ދުވަހު އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ގާނޫނީ ހުރަހެއް ނެތްކަމަށް އިލެކްޝަން ކަމިޝަނުން ނިންމުމާއި ގުޅިގެން ޕީޕީއެމް އިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީންވަނީ އެނިންމުން ބަލައި ނުގަނެވޭކަމަށް ވިދާޅުވެފައެވެ. ޕީޕީއެމްއިން ބުނީ ރައީސް ހުވާ ކުރާ ތާރީހު ނިންމުމަކީ އިލެކްޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

މި ބައްދަލުވުމުގައި އަލީ އާރިފު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ 5 އަަހަރު ދައުރު ހަމަވާނީ ނޮވެމްބަރ 16 ވަނަ ދުވަހު ކަމަށާއި، އާ ރައީސަކަށް ހުވާ ކުރެއްވޭނީ ނޮވެމްބަރ 17 ގައި ކަމަށެވެ.

އަލީ އާރިފު ވިދާޅުވީ އެނޫން ގޮތަކަށް އަމަލު ކުރައްވާނަމަ އަނެއްކާވެސް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހިދާނެކަމަށެވެ.

ޕީޕީއެމްގެ ނޫސް ކޮންފަރެންސްގައި އެޕާޓީގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވީ ގާނޫނު އަސާސީ އާއި ހިލާފަށް ނިންމާ ނިންމުން އެޕާޓީން ބަލައި ނުގަންނަކަމަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާޠިލް ކުރުމާއި ގުޅިގެން ހިނގާދިޔަ ކަންތަކުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ހުވާ ކުރައްވާފައިވަނީ 2013 ނޮވެމްބަރ 17ގައެވެ. އެހެންވެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރ 17 ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.