ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޚާބަކީ އެއް ގޮތަށް ވުރެ ގިނަ ގޮތުން ތާރީޚީ އިންތިޚާބަކެވެ. ގިނަ ޕާޓީ ވާދަކުރެވޭ ޑިމޮކްރެޓިކް ނިޒާމެއްގައި ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރި ފަރާތް ކަނޑައެޅުނު ފުރަތަމަ އިންތިޚާބެވެ. އިންތިޚާބަކީ މާލެއަށް ނިސްބަތްނުވާ ކެންޑިޑޭޓަކާއި ރަނިންމޭޓަކު އިންތިޚާބު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އިންތިޚާބަކީ މީގެ ކުރިން ލިބިފައިނުވާ ބޮޑު ފަރަގަކުން ކާމިޔާބު ހޯއްދެވި ކެންޑިޑޭޓު އިންތިޚާބު ކާމިޔާބުކުރި ފަހަރުވެސްމެއެވެ. އަދި މިއިންތިޚާބަކީ އެންމެ ހަމަނުޖެހުމާއި ޝަކުވާވެސް މަދުވި އިންތިޚާބަށް ވަނީ ވެގެން ގޮސްފައެވެ.
ވޯޓުލަމުން ދިޔައިރު ވޯޓުލާ މަރުކަޒުތަކުގައި ވެސް ހަމަނުޖެހުމެއް ހިނގާފައިނުވާއިރު ވޯޓު ގުނާފައިވަނީ ދެޕާޓީގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ އޮބްސާވަރުން އަދި ޖަމިއްޔާ ޖަމައާތްތަކުގެ އޮބްޒާވަރުންގެވެސް ކުރިމަތީގައެވެ. ވޯޓު ގުނަމުން ދިޔައިރު ވެސް ގާނޫނާއި ޚިލާފު އަދި އިންތިޚާބުގެ ސައްހަ ކަމަށް ކިލަނބު ކަމެއް ގެނެސްދޭ ފަދަ އެއްވެސް ކަމެއް ފާހަގަވެފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ވަގުތީ ނަޖީ އިއުލާން ކުރުމަށް ފަހު ހަފްތާއެއް ފަހުން ހުރިހާ ވޯޓު ފޮށްޓެއްގެ ނަތީޖާ ރަނގަޅަށް ބަލައި ދާއިމީ ނަތީޖާ އިއުލާން ކުރިއިރު ވެސް ވޯޓުގެ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ވަގުތީ ނަތީޖާއާ ދާއިމީ ނަތީޖާ އިއުލާން ކުރުމާ ދެމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް ހުށައަޅާފައެއް ނުވެއެވެ.
ހަފްތާއެއް ފަހުން ޕީޕީއެމް އޮފީސް ދޮރުމަތިން ރައީސް ޔާމީން ވަނީ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންތިޚާބުން އެމަނިކުފާނަށް ލިބުނީ 96،000 ވޯޓު ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ރައީސް ޔާމީނާ ދެކޮޅަށް ކަމެއް ނިންމައިފި ނަމަ އެއީ ނުފޫޒު ފޯރާފައިވުން ކަމަށް އެމަނިކުފާނަށް އަބަދުވެސް ގަބޫލުކުރެވެއެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިންތިޚާބު ބާތިލުކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއް ވެސް ހުށައެޅިއެވެ. މައްސަލާގައި އެމަނިކުފާނުގެ ފަރާތުން ތުހުމަތު ކުރާ ކަމަށް ބާރުލިބިދޭ އެއްވެސް ހެއްކެއް ހުށައަޅާފައިނުވާތީ ސުޕްރީމް ކޯޓުން އިއްޔެ ވަނީ އިންތިޚާބު ބާތިލުނުކުރެވޭނެ ކަމަށް ހުކުމް ކަނޑައަޅާފައެވެ.
ނަމަވެސް އަދިވެސް ރީތި ގޮތުގައި ބަލި ގަބޫލުކުރި ތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރޭ ޕީޕީއެމް ކައުންސިލް ވައިބާ ގްރޫޕުގައި އެމަނިކުފާނު ވަނީ އެއްވެސް ބޭފުޅަކު މާޔޫސްވެވަޑައިނުގަތުމަށް ގޮވާލާފައެވެ. އަދި އެ ވައިބާ ގްރޫޕު ތެރޭގައި އިންތިޚާބާ ގުޅޭ ޖިނާއީ މައްސަލައެއް ހުށައަޅައި ތަހުގީގު ކުރުމަށް އުޅުއްވާ މޭރުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވަނީ އެޕާޓީން ކުރާ މަސައްކަތް ހުއްޓާލާފައިނުވާ ކަމަށް ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމަށް އިހުތިރާމު ކުރާ ކަމަށާއި ނަމަވެސް އެބޭފުޅުން ގެ ކަންބޮޑުވުންތައް އަދިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕީޕީއެމުން ފާހަގަކުރާ ކަންތައްތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަނެއްކާވެސް އިންތިޚާބާ ގުޅޭގޮތުން ކޯޓަށް ދާން ޕީޕީއެމުން ތައްޔާރުވަމުންދާއިރު 134،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީނަށް އިތުރު ދައުރެއް ދޭން ބޭނުންނުވާ ކަމަށް ބުނެ ބަސް އިއްވާފައެވެ. ބަލި ގަބޫލުކުރުމަކީ ޑިމޮކްރަސީގެ ރީތި ސިފައަކަށް ވާއިރު މީގެ ކުރީގެ އިންތިޚާބުތަކުން ބަލިވި ލީޑަރުންގެ ފަރާތުން މިސާލު ނަންގަވައިގެން ރީތި ގޮތުގައި ބަލި ގަބޫލުކުރައްވާނީ ކޮންއިރަކުތޯ އެއީ މިއަދު ރައްޔިތުންގެ ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ. އޭގެ ތެރޭގައި އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިން ރައްޔިތުންވެސް މަދެއް ނޫނެވެ.