ރައީސް އަބްދުﷲ ޔާމީން ވޯޓުން ބަލިކޮށް، ކޯޓުން ބަލިކޮށް އަދި ޕޮލިހުންވެސް ބަލި ކުރާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ބަލި ގަބޫލް ނުކޮށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ނިންމަވާފައެވެ. އެއާއި އެކު ޖިނާއީ ތަހްގީގެއް ހިންގުމަށް ފުލުހަށް ހުށަހަޅާނެކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ﷲ އިރާދަފުޅާއި އެކު ވޯޓުން ބަލިކޮށްފިން، އަދި އަދި ކޯޓުން ވެސް ބަލިކޮށްފިން، އަދި އިރާދަކުރެއްވިއްޔާ ފުލުހުންވެސް ބަލި ކުރާނަން. އަދި ފުލުހަށް ހުށަހަޅާ މައްސަލައަކީ އަމިއްލަ ކަރަށް މަހާލާ މަޅިއެއްކަން މިފަހަރު އިނގެންވާނެ"
ލީކުވެފައިވާ ޕީޕީއެމް ކައުންސިލް ވައިބް ޗެޓުލޮގެއްގައި އިކޮނޮމިކް މިނިސްޓަރ އަދި ޕީޕީއެމްގެ މިހާރުގެ އެއް ނައިބް ލީޑަރ މުހައްމަދު ސައީދުވަނީ އިންތިހާބާއި ގުޅޭ މައްސަލައެއް ފުލުހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ ހުރިހާ ވަސީލަތް ހިތު ހުރި ގޮތަކަށް ބޭނުން ކުރައްވައިގެން ކެމްޕެއިންކޮށް ރައީސް ޔާމީން ބަލިވެފައިވަނީ ލަދުވެތި ގޮތަށެވެ. އެއާއި އެކު އިންތިހާބުގެ ނަތީޖާ އެމަނިކުފާނަށް ހަޖަމް ނުކުރެވިގެން އުޅުއްވާ މަންޒަރު ދަނީ ފެންނަމުންނެވެ.