Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ޚަޝޯގީގެ މަރުގެ ހަގީގަތް އަންގާރަ ދުވަހު ހާމަ ކުރާނަން: ޢުރުދުޢާން

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ހާދިސާގެ ހަގީގަތް އަންނަ އަންގާރަ ދުވަހު ހާމަ ކުރައްވާނެކަމަށް ތުރުކީގެ ރައީސް ޠޮއްޔިބު ޢުރުދުއާން ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ލިޔުންތަކެއް ހޯދުމަށް ސައުދީ އެމްބަސީއަށް ވެންނެވި ޚަޝޯގީ މަރުވެފައިވާކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ފުރަތަމަ ސައުދީން ބުނެފައިވަނީ ހަޝޯގީ ކޮންސުލޭޓުން ގޮސްފައިވާ ކަމަށެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ހަޝޯގީގެ މަރުގެ މައްސަލައިގެ ތަހްގީގު ސީރިއަސް ކަމާއި އެކު ތުރުކީން ދަނީ ތަހްގީގު ކުރަމުންނެވެ. އެގޮތުން ތުރުކީގެ ތަހްގީގު ޓީމުތައް ވަނީ ކޮންސުލޭޓަށް ގޮސް އެތަން ބަލާފައެވެ.

ހަޝޯގީގެ މަރާއި ގުޅިގެން ޢުރުދުއާން ވިދާޅުވީ އެމަރުގެ ހަގީގަތް ހޯދައި އަންގާރަ ދުވަހު ހާމަ ކުރައްވާނެކަމަށެވެ. އަދި މި މަސައްކަތަކީ ޖަމާލްއަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި ޢުރުދުއާން އެގޮތަށް ވިދާޅުވީ އެމައްސަލައިގެ އިތުރު ކުރިއެރުންތައް ތުރުކީއަށް ލިބިގެން ކަމަށެވެ.

ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން އާއި ޚަޝޯގީ މަރާއި ގުޅުވައިގެން ދައްކާ ވާހަކަތައް ސައުދީން ދޮގުކޮށްފައިވާ އިރު މި ހާދިސާ އާއި ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާކަމަށް ސައުދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.