Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އިންތިހާބު ބާތިލް ކުރުމުގެ ގާނޫނީ ދޮރުތައް ބަންދުވެއްޖެ: ޝަމީމް

ޕީޖީ ހުސެއިން ޝަމީމް - ފޮޓޯ: ސަން

ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ފުލުހަށް ހުށަހަޅައި ތަހްގީގު ކުރިނަމަވެސް އިންތިހާބު ބާޠިލުކުރުމުގެ ގާނޫނީ ހުރިހާ ދޮރުތައް ބަންދުވެފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި އިލެކްޝަން ކަމިޝަންގެ ވަކީލު ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ"ގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ރައިސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އިއްޔެ ނިމުނު ގޮތުން އިންތިހާބް ބާޠިލް ކުރުމުގެ ގާނޫނީ ހުރިހާ ދޮރެއް ބަންދުވީކަމަށެވެ. އަދި ދެން އޮތީ ނޮވެމްބަރ 11 ގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުން ކަމަށެވެ.

އިލެކްޝަން ކަމިޝަނާއި ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ރައީސް ޔާމީން ހިއްސާވާ ކުންފުންޏަކަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން ހަވާލު ނުކުރީ ކީއްވެގެންތޯ އެމަނިކުފާނުގެ ވަކީލުން ޝަރީއަތުގައި ސުވާލު އުފައްދެވިކަމަށެވެ.

ޝަމީމް ވިދާޅުވީ އެސުވާލުގެ ޖަވާބެއްގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އަކީ ވިޔަފާރި ކުރުން ހުއްދަ ނޫން މީހެއް ކަމަށް ޤާނޫނުގައި ކަނޑައަޅާފައި އޮންނަ އިރު ރައީސަށް ވިޔަވާރި ކުންފުންޏެއްގައި ހުންނެވޭނެތޯ އާއި އފަދަ ކުންފުންޏެއް އޮވެގެން ނުވާނެކަމަށް ވިދާޅުވިކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި މައްސަލާގައި ވޯޓު ކަރުދާސް ޕްރިންޓު ކުރަން އިލެކްޝަނުން ދިން އެމް7 ކުންފުންޏަކީ ގާސިމް އިބްރާހިމްގެ ދެ ދަރިން ހިއްސާ އޮންނަ ކުންފުންޏެއްކަމަށް ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން ކުރި ނުލިބުމުން އިންުތިހާބާއި ގުޅޭ ޖިނާއީ ތަހްގީގެއް ކުރުމަށް ޕީޕީއެމްއިން ދަނީ ފުލުހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.