ވެރިކަން ކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) 75،000ރ. އިން ޖޫރިމަނާ ކޮށްފިއެވެ.
ޕީޕީއެމް ޖޫރިމަނާ ކޮށްފައިވަނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާތީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިކަން އިއުލާން ކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އަހުމަދު ޝަރީފުއެވެ.
ޝަރީފް ވިދާޅުވީ ޕީޕީއެމުން ގެންދަނީ އިންތިޚާބު ނިމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުން ކަމަށެވެ.
އަދި ޖޫރިމަނާ ކުރީ، އެކޮމިޝަންގެ މެމްބަރުންގެ އަބުރު ކަތިލައި ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށް، އިސްލާހު ނުކުރުމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދިނުމަށް ފަހުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޖޫރިމަނާ ކުރުމުގެ އިތުރުން އީސީގެ މެމްބަރުންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އެމައްސަލަތައް ކޮމިޝަނުގެ މެމްބަރުން ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ.
ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވުމުން ސުޕްރީމް ކޯޓަށް ވަނީ އިންތިޚާބު ބާތިލުކުރުމަށް މައްސަލަ ހުށައަޅާފައެވެ. ނަމަވެސް އިއްޔެ އެކޯޓުން ވަނީ އިންތިޚާބު ބާތިލުކުރަން ޖެހޭ ފަދަ ހެއްކެއް ހުށައެޅިފައިނުވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ހުކުމް އިއްވާފައެވެ.