ޕީޕީއެމްގެ ލީޑަޝިޕާ ގުޅޭގޮތުން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް ގޮތެއް ނިމެންދެން، ޕީޕީއެމްގެ ލީޑާޝިޕުގައި މިހާރު ތިއްބެވި ބޭފުޅުންގެ ފަރާތުން ނިންމާ އެއްވެސް ނިންމުމެއް ތަންފީޒުނުކުރުމަށް އެދި ޕާޓީގެ ކައުންސިލް މެމްބަރ، އަދި މައުމޫން ރިފޯމް މޫވްމަންޓުގެ މެމްބަރު މުހައްމަދު ނަދީމް ހުށައެޅި ސިޓީ އީސީން ގަބޫލުކޮށްފިއެވެ.
ޕީޕީއެމްގެ ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ކައުންސިލަށް އިންތިޚާބުވި މެމްބަރެއްގެ ހައިސިއްޔަތުން ނަދީމް ރޭ ފޮނުވި ސިޓީގައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ކުރީގެ ރައީސް މައުމޫން، ޕާޓީގެ ރައީސް ކަމުން ދުރުކޮށް ސިވިލް ކޯޓުން ނިންމި މައްސަލައަށް އަލިއަޅުވާލާފައެވެ.
ނަދީމް ފޮނުވި ސިޓީއަށް ރިއާޔަތްކޮށް އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ބައެއް މެމްބަރުން އެޕާޓީން ވަކިކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެޕާޓީގެ ލީޑާޝިޕާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާތީ އެފަދަ މައްސަލަތަކެއް ބަލައި ތަންފީޒު ނުކުރެވޭނެ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.