Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ވަގުތީ ނަތީޖާގެ ކުރިން ރައީސް ޔާމީނަށް ގުޅުއްވިން: ޝަރީފު

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއްލާން ކުރުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށާއި ސަލާމަތީ ބާރުތަކަށް އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ގުޅުއްވިކަމަށް އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކަމިޝަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޝަރީފު ވިދާޅުވީ ވަގުތީ ނަތީޖާ ހާމަ ކުރެއްވުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށް ގުޅުއްވުމުން އެދިވަޑައިގަތީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވުމަށެވެ. އަދި ސަލާމަތީ ބާރުތަކުގެ އިސްވެރިން ކަމަށްވާ ޖެނެރަލް އަހުމަދު ޝިޔާމު އާއި އޭރުގެ އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުވެސް އެދިވަޑައިގަތީ ރައްޔިތުންގެ ނިންމުން ގާނޫނީ އިމުގެ ތެރެއިން ހާމަ ކުރެއްވުމަށެވެ.

ރިޔާސީ އިންތިހާބަށްފަހު އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ވޯޓު އޮޅުވާލިކަމަށް ޕީޕީއެމްއިން އަދިވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ޝަރީފު ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާގެ ކުރިން އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ގުޅުއްވި ކަމަށެވެ. ނަމަވެސް އިބޫ ފޯނު ނުނަންގަވާކަމަށް ޝަރީފު ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ ރިކޯޑު އަދަދަކަށް މީހުން ވޯޓުލާން ނިކުތް އެެއްވެސް މައްސަލައެއް ކުރިމަތިނުވެ އަމާން ކަމާއި އެކު ނިމިގެން ދިޔަ އިންތިހާބެކެވެ. މި އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ، 41.6 ޕަސެންޓެވެ. 134،705 ވޯޓުން އިންތިހާބު ކާމިޔާބު ކުރެއްވީ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.