Last Updated: July 21, 13:29
Monday, July 21, 2025
ޚަބަރު

ގާސިމް ޖަލު ހުކުމުން ސަލާމަތް ވެއްޖެ

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ފޮޓޯ: އަވަސް

ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމް ހައި ކޯޓުން ބާޠިލް ކުރުމާއި އެކު ގާސިމް މުޅިން މިނިވަން ވެއްޖެއެވެ.

ގާސިމް ތިން އަހަރާއި ދެމަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް ހުށަހެޅި ރިޝަވަތު ދިނުމުގެ ކުށް ސާބިތު ވުމާއި ގުޅިގެން 2017 އޮގަސްޓު 25 ވަނަ ދުވަހުއެވެ. ޤާސިމްގެ މައްޗަށް އިއްވާފައި ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމް މިއަދު ބާޠިލް ކޮށްފައިވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއި ގުޅިގެން މިއަދު ބޭއްވި ހައިކޯޓުގެ ޝަރީއަތުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިއަދު ހައިކޯޓުން އިއްވި ހުކުމުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ގާސިމްގެ ޝަރިއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއުތައް ފުރިހަމަ ނުކޮށްކަމަށެވެ. އެގޮތުން ތޭރަ ނުކުތާއެއް ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.

ފަނޑިޔާރުން ފާހަގަކޮށްފައިވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާސިމަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ހުކުމްގައި އިތުރަށް ވެސް ވަނީ ގާސިމަށް ހައްގުތަކެއް ގެއްލިފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ހުލާސާ ބަޔާން އިއްވުމާއި އަދަބު ކަނޑައެޅުމާއި ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުން ގާސިމްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސްފައިވުމަކީ ގާނޫނު އަސާސީއިން ލިބިދޭ އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ގެއްލިފައިވާ ކަމެއް ކަމަށެވެ.

ހުކުމް ބާޠިލް ކުރިއިރު ގާސިމް ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ. ސެޕްޓެމްބަރ 30 ވަނަ ދުވަހު ގާސިމް ހައިކޯޓުން ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވަނީ ޝަރުޠު ތަކަކާއިއެކުއެވެ. މިނިވަންވުމާއި އެކު ގާސިމް ވަނީ ރާއްޖެ ވަޑައިގެންފައެވެ.