ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ފާހަގަ ޖެހުމަށް ބޭނުންކުރި ވޯޓު ކަރުދާސް ޗާޕުކުރުން އެމް7 އަށް ދިން މައްސަލައިގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ރައީސް އޮފީހުން އަދި ފިނޭންސް މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށައަޅައިފިއެވެ.
މިމައްސަލަ އޭސީސީއަށް ފިނޭންސް މިނިސްޓްރީ އަދި ރައީސް އޮފީހުން ހުށައަޅާފައިވަނީ ސުޕްރީމް ކޯޓަށް އިންތިޚާބު ބާތިލުކުރުމަށް ހުށައެޅި މައްސަލަ، އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށް ބުނެ ބާތިލުނުކުރެވޭނެ ކަމަށް ހުކުމް ކުރުމުންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެމް7 އަށް ވޯޓުކަރުދާސް ޗާޕުކުރަން ދިންތޯ ބަލަން ތަހުގީގު ހިންގުމަށް ފުރުސަތު އެބަ އޮތް ކަމަށެވެ. ކޯޓަށް ހުށައެޅި ހެކިން އެފަދަ އެއްވެސް ކަމެއް ފާހަގަނުކުރެވޭ ކަމަށާއި ވޯޓުގެ ނަތީޖާއަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ހުށައެޅިފައިނުވާތީ، އިންތިޚާބުގެ ފަރަގު އެހާބޮޑު ކަމުން ބާތިލުކުރުމަށް ނުފެންނަ ކަމަށް މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމައި ހުކުމް އިއްވާފައިވެއެވެ.
ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން އޭސީސީއަށް އެމް7 ގެ މައްސަލަ ހުށައަޅާފައިވި ނަމަވެސް އޭސީސީން ވަނީ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން އަމިއްލައަށް އިސް ނަގައިގެން މިމައްސަލަ ބަލަން ފަށާފައި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މިމައްސަލަ ހުށައެޅި އިރު އެމް7 އަށް ވޯޓު ކަރުދާސް ޗާޕުކުރަން ހުއްދަ ދިނީވެސް ފިނޭންސް މިނިސްޓްރީން ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިނިސްޓަރު މުނައްވަރު ވިދާޅުވީ އެމަނިކުފާނު އެގޮތަށް ކަން ކުރެއްވީ އިންތިޚަބަށް ވަގުތު ކުޑަތަންވެ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
އެމް7 އަކީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.