Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ފަށައިފި

ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތެއް ފެށިގެން ކުރިއަށްދަނީ - ފޮޓޯ: އަވަސް

ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފި ހުޅުވައި ޝަރީޢަތް ކުރަން ފަށައިފި އެވެ.

ހައިކޯޓުގެ އުތުރުގޮފި ހުޅުވާފައި ވަނީ މިއަދު ހެނދުނު ބޭއްވި ދިދަ ނެދުގުމުގެ ރަސްމިއްޔާތަކުންނެވެ. ދިދަ ނަންގަވައި ދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަދި ޝަރީޢަތް ފެށުމައްޓަކައި ވަޑައިގެންނެވި ވަފަދުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވިދާޅުވީ ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތް ހިންގަން ފެށުމުން، މިސަރަޙައްދުގެ ކޯޓުތަކުން ނިންމަވާ މައްސަލަތައް އިސްތިއުނާފް ކުރުމަށް ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ، އަދި އުތުރު ގޮފީގައި ޝަރީޢަތް ފެށިގެން މިދަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ އަގުހުރި މަސައްކަތުންކަން ފާހަގަ ކުރައްވައި އެ ދެބޭފުޅުންނަށް ޝުކުރުއަދާ ކުރެއްވި އެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތް ފެއްޓެވުމަށްޓަކައި ވަޑައިގެންނެވި ވަފުދުގެ ތިން ފަނޑިޔާރުންނަކީ، އަލްއުސްތާޛު ޢަބަދުﷲ ޙަމީދާއި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި އަލްއުސްތާޛު ޢަލީ ސަމީރެވެ.

ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ކައުންސިލް އިދާރާގެ ރައީސުގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ޕޮލިސް، ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓު އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ކުޅުދުއްފުށީ ގޮފީގެ އިސްވެރިން ބައިވެރި ވެޑައިގެންނެވި އެވެ.

ހައިކޯޓުގެ އުތުރުގޮފީގެ ފުރަތަމަ ޝަރީޢަތް މަޖިލިސް ފެށިގެންދިޔައީ މިއަދު ހެނދުނު 9.00 ގައެވެ. ތަފާތު 7 މަސައްލައެއްގެ އަޑުއެހުން މިއަދު ކުރިއަށްދިޔައިރު، އެ ވަފުދުގެ މަސައްކަތް މި މަހުގެ 25ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ޝަރީޢަތްތައް ހައިކޯޓުގެ އުތުރު ގޮފީގައި ފެށިގެން މިދިޔައީ، ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިއްބެވުމުގެ ބަދަލުގައި، ގޮފިތަކަށް ވަފުދު ފޮނުއްވައިގެން ޝަރީޢާތް ހިންގެވުމަށް، މި އަހަރު ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާ ގުޅިގެންނެވެ.

ކުޅުއްދުއްފުށީގައި ޤާއިމު ކުރައްވާފައިވާ ހައިކޯޓުގެ އުތުރު ގޮފީން ބައްލަވަމުން ގެންދާނީ، ހއ، ހދ، ށ، ނ، ރ، އަދި ބ، މި އަތޮޅުތަކުގެ ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމަވާ މައްސަލަތުކުގެ ތެރެއިން އިސްތިޢުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.