Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސުޕްރީމް ކޯޓްގެ ޙުކުމަށް އީޔޫ އިން މަރުޙަބާ ކިޔައިފި

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރަން ނުޖެހޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަރުޙަބާ ކިޔައިފި އެވެ.

ސުޕްރީމް ކޯޓްގެ ޙުކުމަށް ތާއިދުކޮށް އީޔޫ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، ބާރުތައް ބަދަލުކުރުމުގެ މަރުޙަލާ އަމާންކަމާއެކު ކުރިއަށްދާނެ މަގުފަހިކޮށް، ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް މަރުޙަބާ ކިޔާ ކަމަށެވެ.

އަދި އާ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް އަލުން އިއާދަވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އީޔޫގެ ޓްވީޓްގައި ބުނެފައި ވެއެވެ.

އީޔޫ އިން މިހެން ޓްވީޓް ކޮށްފައިވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށްބުނެ އިންތިޚާބު ބާތިލްކުރުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެމަނިކުފާނާއި ދެކޮޅަށް ނިންމުމުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު ރައީސް ޔާމީން ވަނީ ބަލި ޤަބޫލުކުރައްވައި، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަރުޙަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އިންތިޚާބު އޮޅުވާލި ކަމަށްބުނެ ރައީސް ޔާމީން އާއެކު ޕީޕީއެމް އިން ވަނީ މުޒާހަރާކުރަން ފަށާފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ ޙުކުމް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ އިއްވިއިރު، އެ ޙުކުމްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި އީޔޫ އާއި ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައިކަން ފާހަގަކޮށްލެވެއެވެ.