ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ދިވެހި ރައްޔިތުންގެ ތާއީދު ނެތްކަން ސާބިތުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްލަތީފް މިހެން ވިދާޅުވެފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
RY dhen ves bali gabool kuravvai, emmenah aniyaadhee, tharaqqee ey kiyaigen rayyithunnah olhuvaali olhuvaalumah maafah edhivadaigathun avas kuravvanvee noontho? RY ah thaaeedheh nehkan majlis aai rayyithunge vote aai court in ves saabithu vejje noontho?#VotunHafusCourtunChokun
— Abdul Latheef (@funamalatheef) October 21, 2018
އެ ޓްވީޓްގައި އަބްދުއްލަތީފް ވަނީ ރައީސް ޔާމީން ދެންވެސް ބަލި ޤަބޫލުކުރައްވައި، އެންމެންނަށް އަނިޔާދީ، ތަރައްޤީގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމަށް މަޢާފަށް އެދިވަޑައިގަތުން އަވަސް ކުރެއްވުމަށް ގޮވާލައްވާފައެވެ.
"ރައީސް ޔާމީން އަށް ތާއީދެއް ނެތްކަން މަޖިލީހާއި ރައްޔިތުންގެ ވޯޓާއި ކޯޓުންވެސް ސާބިތުވެއްޖެ ނޫންތޯ؟"، އެ ޓްވީޓްގައި އަބްދުއްލަތީފް ވިދާޅުވެފައި ވެއެވެ.
ނިމިގެންދިޔަ އިންތިޚާބުން ރައީސް ޔާމީން ނާކާމިޔާބުވެވަޑައިގެންނެވީ 96،052 ވޯޓާއެކު 41.6% ގެ މައިނޯރިޓީ އަކުންނެވެ. އެންމެ ފުރަތަމަ ބަލި ޤަބޫލުކުރައްވައި އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުޙަބާ ދެންނެވުމަށްފަހު، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިންތިޚާބު އޮޅުވާލި ކަމަށް ތުހުމަތުކުރައްވައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.
އެހެންނަމަވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ޙުކުމްކުރީ ރިޔާސީ އިންތިޚާބު ބާތިލްކުރަން ނުޖެހޭނެ ކަމަށާއި، އިންތިޚާބުގެ ނަތީޖާ ސައްޙަ ކަމަށެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިން މޭޓް، ފައިސަލް ނަސީމް އެވެ. އެބޭފުޅުންނަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 58.4% އެވެ.