Last Updated: June 22, 18:06
Sunday, June 22, 2025
ޚަބަރު

އިބޫ، މައުމޫން އާއި ބައްދަލުކުރައްވައިފި

އިންތިޚާބީ ރައީސް އިބޫ، މައުމޫން އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (މައުމޫން)

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ބައްދަލުކުރައްވައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަރިހަށް އިބޫ ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދެ ބޭފުޅުންގެ މިހާރުގެ ޙާލަތާއި ބެހޭގޮތުންނާއި މުސްތަޤުބަލަށް ކުރާ އުންމީދުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައި ވެއެވެ.

މި ބައްދަލުވުމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

މައުމޫން އާއި އިބޫ ވަނީ މި މަހުގެ ކުރީކޮޅު ވެސް ބައްދަލުކުރައްވާފައެވެ.

އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުއްވި ކަމުގެ ދައުވާ އުފުލައި، ކުށް ސާބިތުވެ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ކަފާލާތުގެ ދަށުން މައުމޫން މިނިވަން ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މައުމޫން ދޫކޮށްލާފައިވަނީ 60،000 ރުފިޔާ ބެހެއްޓުމަށް ފަހުއެވެ.