Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ޙައްޤަކާ ނުލައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް ޝެއިޚް އިލްޔާސް އެދިވަޑައިގެންފި

އެއްވެސް ޙައްޤަކާ ނުލައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އިލްޔާސް ހުސެއިން، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އަރިހުން އެދިވަޑައިގެންފި އެވެ.

ޝެއިޚް އިލްޔާސް މިގޮތަށް އެދިވަޑައިގެންފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މުދަލަށް ޚިޔާނަތްތެރިވި ފަރާތްތައް ހޯދައި، ޙައްޤަކާ ނުލައި މަރާލެވިފައިވާ މަޤްތޫލުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު ރައްޔިތުންގެ ރައީސް، އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި އެފަދަ ޖަރީމާތައް ހިންގެވި އެއްވެސް ފަރާތަކަށް މަޢާފު ނުދެއްވުމަށް ވެސް ޝެއިޚް އިލްޔާސް ވަނީ ގޮވާލައްވާފަ އެވެ.

ޝެއިޚް އިލްޔާސް ވަނީ ص ސޫރަތުގެ 26 ވަނަ އާޔަތް ވެސް މާނަޔާއެކު އެ ޓްވީޓްގައި އެޓޭޗް ކުރައްވާފައެވެ.

"އޭ داوود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ! ފަހު، ކަލޭގެފާނު މީސްތަކުންގެ މެދުގައި حقّ ގޮތުގައި حکم ކުރައްވާށެވެ! އަދި އަމިއްލަ އެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، ﷲގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ!"، އެ އާޔަތުގެ މާނައިގައި ވެއެވެ.

ޝެއިޚް އިލްޔާސް މިހެން އެދިވަޑައިގެންނެވިއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ނުޙައްޤުން އެތައް ބަޔަކު މަރާލެވިފައިވާ ކަމާއި، އެއިން އެއްވެސް މަރެއް މިހާތަނަށް ރަނގަޅަށް ތަހުޤީޤުކުރެވިފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.