ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވަގުތީގޮތުން ސަސްޕެންޑްކޮށްފި އެވެ.
ފަސް މަހުގެ މުއްދަތަކަށް އަލީ ހުސެއިން ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމީ އޭނާ އާއި ޙަވާލާދީ، "ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް: އަލީ ހުސެއިން" ސުރުޚީގެ ދަށުން މި ހިނގާ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު "ވީނިއުސް"ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ސަބަބުންނެވެ.
ޑީޖޭއޭ އިން ބުނީ އެކަމާއި ބެހޭގޮތުން އަލީ ހުސެއިން އާއި ސުވާލުކުރުމަށްފަހު، އޭނާގެ އެ ޢަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި ޚިލާފު ޢަމަލަކަށްވާތީ، އެ ޤަވާޢިދުގެ ދަށުން، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން 05 މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
މީގެކުރިން ވެސް ބައެއް އެހެން މައްސަލަތަކުގައި އަލީ ހުސެއިން ސަސްޕެންޑް ކޮށްފައިވެއެވެ. އެގޮތުން އެންމެ ފަހުން އޭނާ ސަސްޕެންޑްކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅުގަ އެވެ. މި އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އަލީ ހުސައިން ސަސްޕެންޑް ކުރުމަށްފަހު، އޭނާގެ ސަސްޕެންޝަން ޑީޖޭއޭ އިން އުވާލާފައި ވަނީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.