Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

"ސުޕްރީމް ކޯޓު ތެރޭ ގެދޮރު އަޅަންވީނު؟"

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ސުޕްރީމް ކޯޓު ތެރޭ ގެދޮރު އަޅަން ފެނިވަޑައިގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ، ނޮވެމްބަރ 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާނަމަ އެކަން ހުއްޓުވުމަށް އެދި އަނެއްކާވެސް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހިދާނެކަމަށް ޕީޕީއެމްގެ ތަރުޖަމާނު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

"އަޅުގަނޑަށް ފެންނަނީ އެތާ ގެދޮރު އަޅައިގެން އޮންނަން! އޭރުން 24 ގަޑިއިރު ސުޕްރީމް ކޯޓުގަ އޮވެވޭނެ ނުން!"، ރޮޒެއިނާގް ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވިއިރު، ނޮވެމްބަރ 11 ވަނަ ދުވަހު އިބޫ ހުވާކުރެއްވުމުގެ ޤާނޫނީ ހުރަހެއް ނެތްކަމަށް އިލެކްޝަން ކަމިޝަނުން ނިންމުމާއި ގުޅިގެން ޕީޕީއެމް އިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީންވަނީ އެނިންމުން ބަލައި ނުގަނެވޭކަމަށް ބުނެފައެވެ. ޕީޕީއެމް އިން ބުނީ ރައީސް ހުވާ ކުރާ ތާރީޚު ނިންމުމަކީ އިލެކްޝަންސްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

މި ބައްދަލުވުމުގައި އަލީ އާރިފު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ 5 އަަހަރު ދައުރު ހަމަވާނީ ނޮވެމްބަރ 16 ވަނަ ދުވަހު ކަމަށާއި، އާ ރައީސަކަށް ހުވާ ކުރެއްވޭނީ ނޮވެމްބަރ 17 ގައި ކަމަށެވެ.

އަލީ އާރިފު ވިދާޅުވީ އެނޫން ގޮތަކަށް އަމަލު ކުރައްވާނަމަ އަނެއްކާވެސް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހިދާނެކަމަށެވެ.

ޕީޕީއެމްގެ ނޫސް ކޮންފަރެންސްގައި އެޕާޓީގެ ނައިބު ލީޑަރ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވީ ޤާނޫނު އަސާސީ އާއި ޚިލާފަށް ނިންމާ ނިންމުން އެޕާޓީން ބަލައި ނުގަންނަކަމަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާޠިލް ކުރުމާއި ގުޅިގެން ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ހުވާ ކުރައްވާފައިވަނީ 2013 ނޮވެމްބަރ 17ގައެވެ. އެހެންވެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރ 17 ކަމަށް ބައެއް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ.