Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އިންތި

އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ - ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ތަރުޖަމާނުގެ މަޤާމްވެސް ފުރުއްވަމުން ގެންދަވާ އިންތި ވިދާޅުވީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހުރަސް އެޅޭނެ ފަރާތެއް މިހާރު ނެތް ކަމަށެވެ.

އަދި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އިންތި ވަނީ ދެއްވާފައެވެ. އަދި އެގޮތަށް އެ ދަންނަވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުން ވެސް ރައީސް ނަޝީދަކީ މިނިވަނެއްކަން އެނގެން އޮތުމުން ކަމަށެވެ.

ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ އަވަށްޓެރި ސްރީލަންކާގަ އެވެ. މާލެ ވަޑައިގެންނެވުމަށްފަހު ނޮވެމްބަރު 3 ގައި އައްޑޫ ސިޓީ އަށް ވެސް ރައީސް ނަޝީދު ވަޑައިގަންނަވާނެ އެވެ.