Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ނަޝީދަށް މަރުޙަބާ ދެންނެވުމަށް ކުލަގަދަ ޙަރަކާތެއް ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އައިރިޝް ޓައިމްސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އެނބުރި ދިވެހިރާއްޖެ އަށް ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ވަރަށް ކުލަގަދަ ޚާއްސަ ޙަރަކާތެއް ބޭއްވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަތުން ފާހަގަކުރާނީ ބޮޑު އީދެއްގެ ގޮތުގައި ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ހުރިހާ އިއްޒަތަކާއި ޝަރަފަކާއެކު ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ނަޝީދު މާލެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް ކަނޑުމަތިން މަރުޙަބާ ދެންނެވުމަށް ވީހާވެސް ގިނަ ކަނޑު އުޅަނދުތައް ނެރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ އުޅަނދަކަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށާއި އެކަމަށްޓަކައި ހޮޓްލައިނެއް ވެސް ގާއިމް ކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އާޓިފިޝަލް ބީޗަށް ކަމަށާއި، އެ ސަރަޙައްދުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ޚާއްސަ ޙަރަކާތެއް ބާއްވާނެ ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލް މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަލާމަތީ ބާރުތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި، އިންތިޒާމްތަކުގެ ފުރިހަމަ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވާތާ މިވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ.