Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ބޮޑެތި މަރުތަކާއި ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުޤީޤަށް އެހީވާން އުގެއިލް ތައްޔާރު

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި އައްޑޫގެ ޒުވާން ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން، މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މައްސަލަ އަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭން ހުންނެވީ ތައްޔާރަށް ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.

ޕްރޮފެސަރ އުގެއިލް މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އުގެއިލް ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލައަކީ ވަރަށް ރަނގަޅު ތަހުޤީޤު ކުރަންޖެހިފައިވާ މައްސަލަތަކެއް ކަމަށެވެ.

އަދި ބޭނުން ޖެހިއްޖެ ޙާލަތެއްގައި، އެ މައްސަލަތައް ތަހުޤީޤު ކުރުމުގައި ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވަން ހުންނެވީ ތައްޔާރަށް ކަމަށްވެސް އުގެއިލް ވިދާޅުވި އެވެ.

އުގެއިލް ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަހުޤީޤަށް އެހީތެރިވުމަށް މީގެ ކުރިންވެސް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް އެކަން ދިވެހި ސަރުކާރުން ވަނީ ޤަބޫލުނުކޮށްފައެވެ. އެގޮތުން އުގެއިލް ވިދާޅުވީ ޔާމީން މަރުގެ މައްސަލާގައި ފުލުހުންގެ އަތުގައި ހުރި ވީޑިއޯ ފުޓޭޖުތައް އެނަލައިޒްކޮށް އިތުރަށް ދިރާސާކުރުމަށް އިނގިރޭސި ބައެއް އެކްސްޕާޓުން މެދުވެރިކޮށް، އަގަކާއި ނުލާ ހިލޭ އެހީ ހުށައެޅި ކަމަށެވެ. ނަމަވެސް އޭނާ ހުށައެޅި އެހީ ގަބޫލުކޮށްފައިނުވާ ކަމަށާއި އިދާރާތަކުން އެގޮތަށް އަމަލުކުރީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް އުގެއިލް ބުނެފައިވެއެވެ.

ޒުވާން ބްލޮގަރ ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ޔާމީން މަރާލި މައްސަލާގައި ދައުވާ ކުރަނީ އިސްމާއީލު ހައިޝަމް ރަޝީދާއި، މ. އަންނާރުމާގެ، އަހުމަދު ޒިހާން އިސްމާއީލް، މ. އިރަސްމިކުގެ، މުހައްމަދު ދިފްރާން ގދ.ގައްދޫ/ސިންދުބާދުގޭ ، ހަސަން ޝިފާޒު، މ.ކުދެހިގެ، އިސްމާއީލު ރަޝީދް، މ.ތާއިފު، ހުސައިން ޒިޔާދު، އީސްޓު، މ. ކޮޅުފުށީ މައްޗަށެވެ.

ޑރ. އަފްރާޝީމް އަލީ މަރާލާފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ. އެ މައްސަލާގައި ދައުލަތުން ވަނީ ހުސެން ހުމާމްގެ މައްޗަށް ދައުވާ އުފުލާފައެވެ. ގަސްދުގައި މީހަކު މެރުމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، މަރަށް މަރު ހިފުމަށް ވެސް ހުމާމްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނުތާ މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، ރިލްވާންއަށް ވީ ގޮތެެއް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.

މިއިން އެއްވެސް މައްސަލައެއްގެ ތަހުޤީޤެއް މިހާތަނަށް އެކަށީގެންވާ މިންވަރަކަށް ކޮށްފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

އަފްރާޝީމް އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުޤީޤަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް އުގެއިލް ވިދާޅުވިއިރު، އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ރަޝިޔާގެ ޖާސޫސަކަށް، ޒަހަރުދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު ޚާއްސަ ސޮފްޓްވެއާ އެއްގެ އެހީގައި އުގައިލް ވަނީ ހޯއްދަވާފައެވެ.