ސ. ގަމުގެ ވަައިގެ ބަނދަރަށް އިންޓަނެޝަނަލް އޮޕަރޭޝަންތައް ފެށުމަކީ އައްޑޫގެ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަމެއް ކަމަށާއި އެ އެއާޕޯޓް ސިޔާސީ އޮއިވަރުގައި ނުޖައްސައި ކައިރި މުސްތަގުބަލެއްްގެ ތެރޭގައި ބޭރަށް ސީދާ ދަތުރުތައް ކުރެވޭނެ ގޮތް މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެދިވަޑައިގެންފި އެވެ.
މޭޔަރު ސޮއި ކުރައްވައި މިނިސްޓަރަށް އިއްޔެ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޓަނެޝަނަލް ހުރިހާ ބަނދަރުތަކުން ފަސޭހައިން ފުރައިގެން ރާއްޖޭގެ ބޭރުގެ މަންޒިލްތަކަށް ދިއުން ކަމަށް ހާމަކޮށްފައިވާ ކަމަށެވެ.
އެހެންވެ ސަރުކާރުގެ އޮ ޕިލިސީ ދަމަހައްގައި އަމީންގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ގަން އެއާޕޯޓަށް އިންޓަނެޝަނަލަ އޮޕަރޭޝަންތައް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ގަމުގެ ވައިގެ ބަނދަރުން ބޭރަށް ދަތުރުތައް ފެށުމަކީ އައްޑޫ ރައްޔިތުންނަށާއި ގައުމުގެ އިގުތިސާދަށް ވެސް ކުރިއެރުން ގެނެސް ދޭނެ ކަމެކެވެ. އެންމެ ކުޑަމިނުން ލަންކާއަށާއި އިންޑިއާ އަށް ސީދާ ގަމުން ދަތުރު ކުރެވޭ ގޮތް ވުމަކީ އައްޑޫ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ." މޭޔަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. "…އެހެންކަމުން މިކަމަކަށް ހައްލުތަކެއް ހޯދަން ޖެހެ އެވެ. ފަސޭހައިން އަދި ހަރަދު ކުޑަކޮށް ރައްޔިތުންނަށް ރާއްޖޭން ބޭރަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސަން ޖެހެ އެވެ.