ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމެއްގައި އެކަމާމެދު މަޝްވަރާކުރުމަށްފަހު، ކައުންސިލް ބައްދަލުވުމުގައި ތިއްބެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ މަޤާމަށް މެމްބަރަކު ހޮވުމަށް ހުޅުވާލާފައި މިވަނީ ޖޭޕީގެ ރައީސް އަލީ ވަހީދު، ކައުންސިލް ބައްދަލުވުމުގައި ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެންނެވެ.
ޖޭޕީގެ ލީޑަރުކަމުގެ މަޤާމް ހުސްވީ ކުރިން އެ ޕާޓީގެ ލީޑަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލިރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ، ޤާސިމް ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި މިހާރު އޮންނަ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަޤާމެއްގައި ނުހުރެވޭނެ އެވެ.
ގާސިމް މިހާރު އެނބުރި ރާއްޖެއަށް ވަޑައިގެންފައިވާއިރު، ޤާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ވަނީ ބާތިލްކޮށްފައެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވެންދެން، ޕާޓީ ހިންގެވުމުގެ މަސްއޫލިއްޔަތު ވަނީ ޕާޓީގެ ކޮންގްރެސްއިން ޑެޕިއުޓީ ލީޑަރ ޑރ ހުސައިން ރަޝީދު ހަސަން އާއި ހަވާލުކޮށްފަ އެވެ.