Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އެމްއެމްޕީއާރްސީ ހިޔާނާތުގައި އޭސީސީ އާއި މީރާގެ އިހްމާލުވުން ބޮޑު: ނިޔާޒު

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އާއި މޯލްޑިވްސް އިންލެންޑު ރެވެނިއު (މީރާ) ގާނޫނީ ޒިއްމާ އަދާނުކޮށް އިހްމާލުވެފައިވާކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާގެ ކަރަޕްޝަން މައްސަލާއި ގުޅޭގޮތުން އަލްޖަޒީރާއިން އުފެއްދި "ސްޓީލިން ޕެރަޑައިސް"އަށް މައުލޫމާތު ދެއްވުމާއި ގުޅިގެން ލިބެމުންދިޔަ އިންޒާރުތަކާއި ގުޅިގެން ގައުމު ދޫކޮށް ލަންކާއަށް އަރުވާލެވިގެން ހުންނެވުމަށްފަހު މިމަހު ރާއްޖެ ވަޑައިގެންނެވި ނިޔާޒު ވީޓީވީގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހްގީގު ހިންގަމަށް ބޭނުންވި މައުލޫމާތު މީރާއިން ނުދީ ހިފެހެއްޓިކަމަށެވެ.

ނިޔާޒު ވިދާޅުވީ މީރާގެ ކޮމިޝްނާ ޖެނެރަލް އާއި އޭސީސީން އެއްބާރުލުން ނުދިންތާ އެމައުލޫމާތު ސީދާ ދިޔައީ އަދީބް އާއި ހިއްސާ ކުރައްވަމުން ކަމަށެވެ. އެހެންވެ އޮޑިޓް ރިޕޯޓަށް ބޭނުންވި ގިނަ މައުލޫމާތު ނުލިބޭކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މި ބޮޑު ކަރަޕްޝަންގެ މައްސަލައިގެ އޮޑިޓަށް އޭސީސީ އާއި މީރާއިން އެއްބާރުލުން ދިންނަމަ ގައުމަށް މިފަދަ ބޮޑު ގެއްލުމެއް ނުލިބުނީސް ކަމަށެވެ.

"…..އެންޓިކޮރަޕްޝަން ކޮމިޝަނުންވެސް އެބޭފުޅުންގެ ޤާނޫނީ ޒިންމާ އަދާކުރައްވާފައެއް ނެތް. މިއޮތްހުރިހާދުވަސް ވަންދެން އެބޭފުޅުން ތިބީ ނިދީގަ އިނގޭތޯ. މިއަދު ކުއްލިއަކަށް މިނިވަންވެގެން އަމުރުތައް ނެރުއްވާ ކަންތައްތައް ހުއްޓުވިއެއް ކަމަކު އެބޭފުޅުންނަކަށް ނުކެރުނު ނޫންތޯ އެދުވަހު އެކަންތައް ހުއްޓުވާކަށް. އަދިއަދަށް ދާންދެންވެސް ފައިނަލް އިންވެސްޓިގޭޝަން ރިޕޯޓް ޕަބްލިޝް ނުކުރައްވައެއްނޫންތޯ؟"

ނިޔާޒު ވިދާޅުވީ މިއަދު އޭސީސީ ނިދިން ހޭލައިގެން ބަޔާން ނެރެމުން ދިޔަ ނަމަވެސް އަދިވެސް އެމްއެމްޕީއާރްސީގެ ތަހްގީގު ރިޕޯޓު އާއްމު ނުކުރައްވާކަމަށެވެ.

އެމްއެމްޕީއާރްސީން ގެއްލުނު ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އެކަމުގެ ތަހްގީގު ކުރުމަށް އެސީސީއަށް ހުށަހަޅާފައިވާ މައްސަލަ އަދިވެސް އޮތީ މަޑުޖައްސާލާފައެވެ.

ނިޔާޒު ވިދާޅުވީ ލީކުވެފައިވާ ބޭންކު ސްޓޭޓުމަންޓުތަކާއި، މައުލޫމާތަށް ބަލާއިރު އެމްޕީއެލް އާއި އެމްޓީޑީސީ ވެރިންގެ އިތުރުން ސީދާ ރައީސް ޔާމީން ޖަވާބުދާރީ ކުރުވަން ޖެހޭކަމަށެވެ. އަދި މިމައްސަލަ އަދީބާއި ހަމައިން އެކަނި ނުނިމޭކަމަށާއި، ރައީސް ޔާމީނަށް މި މައްސަލައިން ބޯދައިގަނެވޭނެ އެއްވެސް ގޮތެއް އޮތް ކަމަށް ގަބޫލް ނުކުރައްވާކަމަށެވެ.