Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އިލްހާމްގެ ޝަރީއަތް ނިންމާލައިފި، ދެން އޮތީ ހުކުމް އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އިލްހާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

އިލްހާމްގެ ފަރާތުން ދިފާއީ ވަކީލުންގެ ވާހަކައާއި އިލެކްޝަންސް ކޮމިޝަނުގެ ވާހަކަތައް ސުޕްރީމް ކޯޓުގެ ބެންޗުން އަޑު އެއްސެވުމަށް ފަހު، އުއްތަމަ ފަނޑިޔާރު ވަނީ މިއަދުގެ އަޑުއެހުމުގައި އީސީގެ ވަކީލުންނަށް މުހިންމު ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ދެއްކެވި ވާހަކަތަކުން ދެފަހަރު އިލްހާމް ވަކިކޮށްފައިވާ ކަމަށް ދޭހަވާ ކަމަށާއި، އެކަކު ދެފަހަރު ވަކި ކުރީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބު ދެއްވަމުން އީސީގެ ވަކީލު އައިޝަތު ސުމައިނާ ވިދާޅުވީ އިލްހާމްގެ ފަރާތުން ޕީޕީއެމުން ވަކިވުމަށް އެދުނު ކަމަށްވިއަސް ސުޕްރީމް ކޯޓުން، މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ހުކުމް އިއްވުމުގެ ކުރިން އިލްހާމް ޕާޓީން ވަކިވެފައިނުވާ ކަމަށެވެ.

އިތުރު ސުވާލު ކުރިމަތިކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމީހަކު އަމިއްލައަށް ޕާޓީން ވަކިވާން ހުށައެޅުމުން ވަކިނުވާނެތޯ ވިދާޅުވެފައެވެ. ޖަވާބުގައި ސުމެއިނާ ވިދާޅުވީ މެމްބަރަކު ރަޖިސްޓްރީ ވެފައި އޮތް ޕާޓީއަކުން އުނިވާނީ އީސީގެ ދަފުތަރުން އެމީހަކު އުނިކުރުމުން ކަމަށެވެ.

އެ ޖަވާބު ދެއްވުމުން އުއްތަމަ ފަނޑިޔާރު ވަނީ ދަފްތަރުގެ ވާހަކަ ނުދައްކާ ކަމަށާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް އަންގާފައެވެ. އަދި މެމްބަރުން ޕާޓީން ވަކިވުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ އުސޫލު އޮޅުންފިލުވަން ކޯޓުން ނޫޅުއްވާ ކަމަށް ވަކީލަށް އެންގެވިއެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދު ކޯޓަށް އިއްވުމަށް ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރުގެ އެދިލެއްވުމުގެ މަތިން ސިޔާސި ޕާޓީތަކުގެ ގާނޫނުގެ 13 ވަނަ މާއްދާ އާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާ ސުމެއިނާ ވަނީ ކޯޓުގައި އިއްވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގައި ބުނަނީ ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ގަވައިދެއް އޮންނަން ވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގައި ވަނީ މެމްބަރަކު ޕާޓީން ވަކިވާނެ ހަތަރު ސަބަބެއް ބަޔާންކޮށްފައެވެ. އޭގެ ތެރެއިން އެއް ސަބަބަކީ މެމްބަރަކު އަމިއްލަށް ވަކިވާން އެދުން ކަމަށް ވެސް ސުމެއިނާ ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

އިލްހާމްގެ ފަރާތުން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕާޓީން ވަކިވުމަށް އެދި ސިޓީއެއް ފޮނުވާފައިވާއިރު އެއީ ކިހިނެއް ހިނގި ކަމެއްތޯ ބެލުމަށް އީސީން މަސައްކަތް ކުރިތޯ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަނީ ސުމެއިނާއާ ސުވާލުކޮށްފައެވެ. ޖަވާބުގައި ވިދާޅުވީ އެމައުލޫމާތު ހޯދަން ޕީޕިއެމްއާ މުއާމަލާތު ކޮށްފައިނުވާ ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރު ވަނީ މެމްބަރު އެދުމުން ވަގުތުން ވަކިކޮށްދެވޭނެ ސަބަބެއް އޮތްތޯ ސުވާލު ކުރައްވާފައެވެ. ޒަރޫރީ ހާލަތެއް އޮތުމުން ވަކިކޮށްދެވޭނެ ކަމަށް ސުމެއިނާ ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ވަނީ ޒަރޫރީ ހާލަތު ބަޔާން ކުރެވެނީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ވިދާޅުވީ ޕާޓީއެއްގައި ހުރެގެން ވަޒީފާ އަދާނުކުރެވިދާނެ ކަމުގެ ބިރު އޮވެގެން، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވަނީ މިމައްސަލާގައި ދިފާއީ ވަކީލުންނަށް ވާހަކަ ދެއްކެވުމުގެ ފަހު ފުރުސަތު އަރުވާފައެވެ. ދިފާއީ ވަކީލް ނަދީމް މުހައްމަދު ވަނީ ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ކުރި ހުކުމް ކުރުމުގެ ކުރިން އިލްހާމް ވަނީ ޕާޓީން ވަކިވުމަށް ބޭނުންވާ ކަމަށް އެދި އީސީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.

އަސާސީ ގަވާއިދާއި އެއްގޮތަށް އެ ސިޓީ ފޮނުވުމުން އިލްހާމް ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަން ފާހަގަކުރައްވައި ނަދީމް ވަނީ އިލްހާމް އެޕާޓީ ދޫކުރީ ހުކުމުގެ ކުރިން ކަމަށްވާތީ ރައްޔިތުންގެ މަޖިލީހުގައި ފުރުއްވަމުން އައި ގޮނޑި ގެއްލޭނެ އަސާސެއް ނެތް ކަމަށް ކަނޑައަޅައިދީ އީސީގެ ނިންމުން ބާތިލުކޮށްދިނުމަށް އޭނާ ވަނީ ޝަރީއަތުގައި އެދިވަޑައިގެންފައެވެ.

މިމައްސަލައިގެ ދެފަރާތުގެ ވާހަކަތައް ވެސް މިއަދު ވަނީ އަޑު އަހައި، އަޑުއެހުންތައް ނިންމާލާފައެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ. މިއަދުގެ ޝަރީއަތުގައި ހުކުމް އިއްވާނެ ދުވަހެއް އަންގާފައެއް ނުވެއެވެ.