Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތަށް ކައުންސިލަރުންނަށް ދައުވަތު އަރުވައިފި

އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އާއި އެކު، ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ސިޓީ ތަރައްޤީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި. ފޮޓޯ: އައްޑޫލައިވް/ޝަރަފް

އިންތިޚާބީ ރައީސް، އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހުރިހާ ކައުންސިލަރުންނަށް ދައުވަތު އަރުވައިފިއެވެ.

ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ވަނީ އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު، ގަލޮޅު ދަނޑުގައި އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައެވެ.

އިންތިޚާބީ ރައީސްގެ ފަރާތުން އެލްޖީއޭގައި ހުރިހާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިކުރުމަށް އެދުމުން، އެލްޖީއޭ އިން ވަނީ ކައުންސިލްތަކަށް ސިޓީއެއް ފޮނުވާފައެވެ.

އަމިއްލަ ޚަރަދުގައި މިރަސްމިއްޔާތުގައި ބައިވެރިވުމަށް އެދޭ ކައުންސިލަރުން މާދަމާގެ ނިޔަލަށް އެލްޖީއޭއަށް އެކައުންސިލަރެއްގެ މައުލޫމާތު ފޮނުވައި ދިނުމަށް މިސިޓީގައި އެދިފައިވެއެވެ.

ރިޔާސީ އިންތިޚާބު 2013 ވަނަ އަހަރު އަލުން ބޭއްވުމުގެ ސަބަބުން ހުވާ ކުރާ ދުވަސް އެގާރަ ނޮވެމްބަރުން 13 ނޮވެމްބަރަށް ފަސްކުރުމުން މިފަހަރު ހުވާކުރުން އޮންނަ ދުވަހާ މެދު ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިބޫއަށް ނޮވެމްބަރު 11 ގައި ހުވާ ކުރެވޭނެ ކަމަށް ނިންމާފައެވެ.